ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސަރުކާރާ އިދިކޮޅު ބަޔަކު ހޮވައިގެން މިނިސްޓްރީތަކާ ގުޅިގެން މަސައްކަތެއް ނުކުރެވޭނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަދި ބޭސް ކުންފުނީގެ ޗެއާމަން އިބްރާހިމް ހަލީމް ރޭގައި ވިދާޅުވެއްޖެއެވެ.
އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީއެންސީގެ ގަލޮޅު ދެކުނު ދާއިރާގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހަލީމް ވިދާޅުވީ ކޮންމެ ކައުންސިލަކަށް ވެސް ހޮވަން ޖެހެނީ ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭ ބައެއް ކަމަށް އިދިކޮޅުން ބުނަމުން އަންނަ ކަމަށެވެ.
ނަމަވެސް، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ނިޒާމުން ހިންގުމުގެ ގާނޫނު އެއްކޮޅުން އަނެއްކޮޅަށް ބައްލަވައި ދިރާސާ ކުރެއްވިއިރު، ސަރުކާރުން ޒިންމާދާރު ކުރުވަން ޖެހޭ ކަމަށް ބުނާ މާއްދާއެއް ފެނިވަޑައިނުގެންނެވި ކަމަށް ހަލީމް ވިދާޅުވިއެވެ.
އޭގެ ބަދަލުގައި އެ ގާނޫނުގެ ދެވަނަ މާއްދާގައި ލާމަރުކަޒީ އުސޫލުން އިދާރާތައް ހިންގުމުގެ ބޭނުމެއް ކަމަށް ބުނެފައި ވަނީ ރައްޔިތުންގެ ކަންކަމަށް ޑިމޮކްރަސީގެ އުސޫލުން އަދި ކައުންސިލުން ޖަވާބުދާރީވާން ޖެހޭ ކަމަށް ހަލީމް ވިދާޅުވިއެވެ.
އެހެންވެ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނެ ކެންޑިޑޭޓުން ހޮވުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަ ކުރައްވަމުން ހަލީމް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެ ސަރަހައްދަށް ދެކެވަޑައިގެންފައިވާ ތަސައްވުރު ވެސް ހަގީގަތަކަށް ހެދޭނީ އެ އުސޫލާ އެއްގޮތަށް، އެ ބޭނުމުގައި މަސައްކަތް ކުރާނެ ކެންޑިޑޭޓުން ހޮވައިގެން އެކަނި ކަމަށެވެ.
”އެ ގާނޫނުގައި ސިޓީ ކައުންސިލްގެ ބާރުތަކަށް ބަލާލާއިރު، މީގައި ވެސް ވަރަށް ގިނަ ކަންކަމުގައި އެބަހުރި ބާރުތަކެއް ދީފައި. ނަމަވެސް މީގެން އެއްވެސް ތަނަކުން ނުފެނުނު ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަކަށް ކައުންސިލްތައް ނުވަތަ ކެންޑިޑޭޓުން ނުވަތަ ކައުންސިލަރުން މަސައްކަތް ކުރަން ޖެހެނީ،“ ހަލީމް ވިދާޅުވިއެވެ.




