ފްލެޓާއި ގޯއްޗަށް އެދި މިހާތަނަށް 5000 އަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅައިފިއެވެ.
ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުގައެވެ. ފޯމު ހުށަހެޅެނީ ”ހިޔާވެހި“ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ.
ހައުސިންގް މިނިސްޓްރީން ބުނީ، މިހާތަނަށް ޖުމްލަ 5067 މީހުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ. މީގެތެރޭގައި ގިނަ މީހުން ފޯމު ހުށަހަޅާފައިވަނީ ފްލެޓަށް އެދިއެވެ.
ފްލެޓަށް އެދި 3434 މީހުން މިހާތަނަށް ފޯމު ހުށަހަޅާފައިވެއެވެ. އަދި ގޯއްޗަށް އެދި 1633 މީހުން ވަނީ ފޯމު ހުށަހަޅާފައެވެ.
މީގެއިތުރުން، ފޯމު ފުރުމުގެ ޑްރާފްޓް މަރުޚަލާގައި 11،304 މީހުން ތިބިކަމަށް ހައުސިންގް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.
ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެނަށް“ ސިޔާސަތުގެ ދަށުން ދޫކުރަން ހަމަޖެހިފައިވަނީ 1250 އަކަފޫޓުގެ 15،000 ގޯއްޗެވެ.
ކެޓަގަރީ 1، މާލޭ ރަށްވެހިންނަށް އަދި ޚާއްސަ އިސްކަންދެވޭ ކެޓަގަރީތަކަށް ގޯތި ދޫކުރާނީ ގްރޭޓަރ މާލޭ ސަރަހައްދުންނާއި ރަސްމާލެއިންނެވެ. އަދި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ގޯތި ދޫކުރުމަށް ހަމަޖެހިފަވަނީ ރަސްމާލެއިންނެވެ.
މި އުސޫލުގެ ދަށުން 7،900 ފްލެޓް ދޫކުރެއެވެ. އެއީ މާލެއާއި ވިލިމާލެ ހިމެނޭހެންނެވެ. ފްލެޓް ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1،500 ފްލެޓް އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2،400 ފްލެޓް ވަނީ ކަނޑައަޅާފައެވެ.




