މި އަހަރު ނިމޭއިރު މިދިޔަ އަހަރާ އެއް އަދަދަކަށް ރާއްޖެއަށް ޓޫރިސްޓުން އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ރޭގައި ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީން މިހެން ވިދާޅުވީ، ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ ގުޅިގެން ގެނެސްދޭ ”އަހާ“ ފޯރަމްގެ ނުވަވަނަ ބައްދަލުވުމުގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ ޓޫރިޒަމް ދާއިރާ މި އަހަރު ފެށުނީ މިދިޔަ އަހަރަށް ވުރެ މާ ބޮޑަށް ވެސް ރަނގަޅަށް ކަމަށެވެ.
މި އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް އައި ޓޫރިސްޓުން ފަސް ޕަސެންޓަށް އިތުރުވިއިރު ފެބްރުއަރީ މަހު ރާއްޖެއަށް އައި ޓޫރިސްޓުން ވަނީ 18 ޕަސެންޓަށް އިތުރުވެފައެވެ. ނަމަވެސް މެދުއިރުމަތީގެ ހަނގުރާމައާ ހެދި ޖެހިގެން އައި ތިން މަހު ރާއްޖެއަށް އައި ޓޫރިސްޓުން 24 ޕަސެންޓަށް ދަށްވެގެން ދިޔައެވެ.
”ޑިކްލައިނަށް ދިޔަ 24 ޕަސެންޓް މިހާރު ހުރީ 1.3 ޕަސެންޓާ ދޭތެރޭގަ. ވަރަށް ބޮޑަށް ޝުކުރުވެރިކަން މުޅި އިންޑަސްޓްރީއަށް. އަދި ހާއްސަކޮށް ސަރުކާރުން ގެނައި ބަދަލުތަކާ ކުރެވުނު މަސައްކަތުން މިހާރުގެ ފޯކާސްޓަކީ އިރާދަކުރެއްވިއްޔާމު މިދިޔަ އަހަރާ ގާތްގަނޑަކަށް އަރާ ހަމަކުރެވޭނެ މިއަހަރު ނިމޭ އިރު. ނޫނީ އެއަށް ވުރެ ކުޑަ ތަންކޮޅެއް ވިއްޔާ ވާނީ ރަނގަޅު“ މިނިސްޓަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިދިޔަ އަހަރާ އެއް އަދަދެއްގައި ރާއްޖެއަށް ނިންމާލެވިއްޖެ ނަމަ އެއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. ތިން މަހުގެ އެހާ ބޮޑު ވެއްޓުމަކަށް ފަހު ޓޫރިސްޓުން އަންނަ އަދަދުގެ ރިކަވަނީ ރަނގަޅު ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.



