އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މ. ވޭވަށް / ކިނާރާ، އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ މިއަދު އައްޔަނު ކުރައްވައިފިއެވެ.
އީސީގެ މެންބަރު ކަމަށް ހުޅުވައިލީ، އެ ކޮމިޝަންގެ މެންބަރުކަމުގައި ހުންނެވި ޑރ. މުޙައްމަދު ޒާހިރުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.
އެގޮތުން ހުޅުވާލި ފުރުސަތުގައި އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް މުޢިއްޒު ފޮނުއްވީ ރިފްއަތުގެ ނަމެވެ. އަދި މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ރިފްއަތުއާ އިންޓަވިއު ކުރުމަށްފަހު ނިންމެވީ އޭނާގެ ނަން ފާސްކުރަން ތަޅުމަށް ފޮނުވުމަށެވެ.
އެކަމާ ގުޅޭގޮތުން މި މަހުގެ 17 ވަނަ ދުވަހު ބޭއްވި މަޖިލިސް ޖަލްސާގައި ނެގި ވޯޓުގައި، އެ މަގާމަށް ރިފްއަތު އައްޔަނުކުރަން ފެންނަ ކަމަށް ފާސްވީ 58 މެންބަރުންގެ ވޯޓާއެކުގައެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރިފްއަތު ވަނީ އީސީގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ. އޭނާއަށް ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މުޙައްމަދު ސަލީމްއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަނު ކުރެއްވިކަމުގެ ލިޔުން ރިފްއަތު އާއި ހަވާލުކޮށްދެއްވާފައެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 167 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން އުފައްދައިފައިވާ، އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް، އަލްއުސްތާޛު ރިފްއަތު ޢަބްދުﷲ އައްޔަނުކުރެއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 168 ވަނަ މާއްދާގެ (ށ) އާއި، ޤާނޫން ނަންބަރު 8/2008 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީންނެވެ.
އީސީގެ މެންބަރަކަށް އައްޔަނު ކުރެއްވުމުގެ ކުރިން، ރިފްއަތު ހުންނެވީ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ޑިރެކްޓަރެއްގެ މަގާމުގައެވެ. މީގެއިތުރުން ރިފްއަތަކީ އިލެކްޝަން ކޮމިޝަނާ ދެކޮޅަށް ހުށަހެޅި ބޮޑެތި މައްސަލަތަކެއްގައި ކޯޓުގައި އެ ކޮމިޝަންގެ ދިފާއުގައި ވަކާލާތު ކުރެއްވި ވަކީލެއްވެސް މެއެވެ.




