މައްޗަންގޮޅި މެދު ދާއިރާގައި ޕީއެންސީ އިން އިއްޔެ ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ސުވާލުކުރަން އުޅުނު ނޫސްވެރިޔަކަށް ސެކިއުރިޓީން ހުރަސްއެޅި ކަމަށް ބުނެ ބައެއް މީޑިޔާތަކުން ފަތުރަމުންދާ ވާހަކަތަކީ ދޮގެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ވިދާޅުވެއްޖެއެވެ.
އިބްރާހީމް މުޙައްމަދު މިހެން ވިދާޅުވީ، ރައީސް މައްޗަންގޮޅި މެދު ދާއިރާގެ ގެތަކަށް ޒިޔާރަތްކުރައްވައި އާންމުންނާ ބައްދަލުކުރައްވަމުން ގެންދެވި ވަގުތު ހިނގި ކަންތައްތަކެއް އޮންލައިން ނޫހަކުން އޮޅުވާލަން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރައްވަމުންނެވެ.
އެ ނޫހުން ވަނީ ރައީސާއި ސަރުކާރުން ނޫސްވެރިންނަށް ހުރަސްއަޅަމުންދާ ކަމަށް ބުނެ ޚަބަރު ފަތުރާފައެވެ.
މި ހާދިސާ ހިނގި ގޮތް ތަފްސީލުކޮށްދެއްވަމުން މެންބަރު ވިދާޅުވީ، އެ ނޫސްވެރިޔާ ކުއްލި ގޮތަކަށް އެ ސަރަހައްދަށް ވަދެ، ރައީސްގެ ސެކިއުރިޓީ ފޫއަޅުވާލުމަށްފަހު ”ރައީސް ސުވާލަށް ޖަވާބުނުދެއްވާނެތޯ“ އަހަމުން ދިޔަ ކަމަށެވެ. އަދި އެ ވަގުތު އެ ނޫހުގެ އެހެން މީހަކު އެ މަންޒަރު ފޮޓޯއާއި ވީޑިއޯ ކުރަމުން ދިޔަ ކަމަށްވެސް މެންބަރު ފާހަގަކުރެއްވިއެވެ.
މެންބަރު އިތުރަށް ތުހުމަތުކުރެއްވި ގޮތުގައި، އެ ނޫސްވެރިން ބޭނުންވާ ވަކި މަންޒަރެއް ރެކޯޑުކުރުމަށްފަހު އެ ސަރަހައްދު ދޫކޮށް ވަނީ ފިލައިގެން ގޮސްފައެވެ. އަދި ހަގީގީ މާނައެއްގައި ރައީސާ ސުވާލުކުރުމުގެ އެއްވެސް ބޭނުމެއް އެމީހުންގެ ނެތް ކަމަށާއި، މިއީ ވަކި ގޮތަކަށް މަންޒަރު ދެއްކުމަށް މީސްމީޑިޔާގައި އާންމުކުރަން ހިންގި ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް އިބްރާހިމް މުހައްމަދު ވިދާޅުވިއެވެ.
“ކަނޑައެޅިގެން ބުހުތާނުދޮގު. ކުއްލިއަކަށް ވަދެގަނެ ސީންއެއް ހަދާ ފުރަތަމަވެސް ސެކިއުރިޓީ ފަޅާލާ ވަދެގަނެ ރައީސަށް ސުވާލަށް ޖަވާބު ނުދެއްވާނަންތޯއެހީ. އަނެކަކު ހުރީ މިހެންބުނާ މަންޒަރު ވީޑިއޯކުރަން. އެތަންކޮޅުނަގާފައި ފިލީ. ޒިންމާދާރު ނޫސްވެރިކަމެއްނޫން.“ އިބްރާހިމް މުހައްމަދު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ މީޑިޔާއާ ވަރަށް ގާތް ގުޅުމެއް ބާއްވަވާ ބޭފުޅެކެވެ. އެމަނިކުފާނު ގެންދަވަނީ އެކި މަންސަތަކުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި، ކުރިމަތިކުރާ ސުވާލުތަކަށް ސީދާ ޖަވާބު ދެއްވަމުންނެވެ.




