ޖަލުގައި ހުރެގެން އޮޅުވާލައިގެން ފައިސާ ހޯދުމުގެ ނުވަތަ ސްކޭމް ކުރުމުގެ އަމަލުތައް ހިންގަމުންދިޔަ ގައިދީއަކަށް އެހީތެރިވި ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީ ހިތަދުއަށް ނިސްބަތްވާ 33 އަހަރުގެ ފިރިހެނެކެވެ.
އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް ވަނީ 30 ދުވަހުގެ މުއްދަތެއް ޖަހާފައެވެ. އޭނާގެ މައްޗަށް ފުލުހުން ކުރާ މައިގަނޑު ތުހުމަތަކީ، މަކަރާއި ހީލަތުން ފައިސާގެ މުއާމަލާތްތައް ކުރުމަށް ޖަލުން ގުޅި މީހަކަށް އެއްބާރުލުން ދިނުމެވެ.
ކޯޓު އަމުރުގައިވާ ގޮތުން، ހައްޔަރުކުރި މީހާ ވަނީ ސްކޭމްގެ ފައިސާ ދައުރުކުރުމަށް ނުވަތަ ”ރޯލްކުރަން“ އޭނާގެ ރައްޓެހިންގެ ބައެއް އެކައުންޓުތައް ހޯދައިދީފައެވެ. މީގެ އިތުރުން، މި މައްސަލައާ ގުޅުންހުރި ފޯނެއް އޭނާގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. ޖަލުގައި އޮތް މީހާއާ މުއާމަލާތް ކުރުމަށް ބޭނުންކުރި ފޯނުގެ އައިއެމްއީއައި ނަންބަރު، ހައްޔަރުކުރި މީހާގެ އަތުން ފެނުނު ފޯނާ ދިމާވާ ކަމަށްވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
ފުލުހުން ހުށަހެޅި ހެކިތަކުގެ ތެރޭގައި ސީސީޓީވީ ފުޓޭޖުތައްވެސް ހިމެނެއެވެ. އެގޮތުން، ސްކޭމްގެ ފައިސާ ނެގުމަށާއި، ފޯނާ ހަވާލުވުމުގެ މުއާމަލާތްތަކުގައި އޭނާ އަމަލީގޮތުން ބައިވެރިވާ މަންޒަރު ސީސީޓީވީ ފުޓޭޖުތަކުން ފެންނަން ހުރި ކަމަށް އަމުރުގައި ބަޔާންކޮށްފައިވެއެވެ.




