ނިމިދިޔަ ޑިސެންބަރު މަހުގެ ތެރޭގައި އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް 325 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ކަސްޓަމްސްއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ ކެއުމަށް ބޭނުންކުރާ ބާވަތްތަކެވެ.
ކަސްޓަމްސްގެ ރިޕޯޓުގައިވާ ގޮތުން ހުސްވި ޑިސެންބަރު މަހު ރާއްޖެއަށް ޖުމްލަ 5.3 ބިލިޔަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވެއެވެ. އަދި ހަމަ މި މުއްދަތުގެ ތެރޭގައި ރާއްޖެއިން ބޭރަށް 204 މިލިޔަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓްކޮށްފައެވެ. އިމްޕޯޓްކުރި މުދަލުގެ ތަފްސީލަށް ބަލާއިރު، ކެއުމަށް ބޭނުންކުރާ ބާވަތްތަކަށް 1.14 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާއިރު، މެޝިނަރީއާއި ކަރަންޓް ސާމާނަށް 992 މިލިޔަން ރުފިޔާ އަދި ފިއުލް ނުވަތަ ތެލުގެ ބާވަތްތަކަށް 890 މިލިޔަން ރުފިޔާ ހޭދަކޮށްފައިވެއެވެ.
މީގެ އިތުރުން ކެމިކަލްގެ ބާވަތްތަކަށް 300 މިލިޔަން ރުފިޔާ، ހިލަ އަދި ހިލަވެލީގެ ބާވަތްތަކަށް 135 މިލިޔަން ރުފިޔާ، އަދި ވެހިކަލްއާއި ވެހިކަލްގެ ބާވަތްތަކަށް 82 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ޗައިނާ (943 މިލިޔަން ރުފިޔާ)، އޮމާން (766 މިލިޔަން ރުފިޔާ) އަދި ޔޫއޭއީ (688 މިލިޔަން ރުފިޔާ) އެވެ.
އެކްސްޕޯޓަށް ބަލާއިރު، ރާއްޖެއިން ބޭރަށް ފޮނުވި 204 މިލިޔަން ރުފިޔާގެ މުދަލުގެ ތެރޭގައި އެންމެ ގިނައީ ފިނިކުރި ކަނޑުމަހުގެ ބާވަތްތަކެވެ. އެގޮތުން 90 މިލިޔަން ރުފިޔާގެ ފިނިކުރި ކަނޑުމަސް، 39 މިލިޔަން ރުފިޔާގެ ދަޅުމަސް، އަދި 32 މިލިޔަން ރުފިޔާގެ ފިނިކުރި ރީނދޫ އުރަހަ ކަންނެލި އެކްސްޕޯޓްކޮށްފައިވެއެވެ.
ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކުރި ގައުމަކީ 121 މިލިޔަން ރުފިޔާގެ މުދަލާއެކު ތައިލޭންޑެވެ. ދެން އެންމެ ގިނައިން މުދާ ފޮނުވާފައިވަނީ ގްރޭޓް ބްރިޓެއިން، ފްރާންސް، ބަންގްލަދޭޝް އަދި އިންޑިއާއަށެވެ.
ޑިސެންބަރު މަހުގެ ތެރޭގައި ރާއްޖެއަށް އައި އަދި ފުރި އުޅަނދުފަހަރުގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހު 143 އުޅަނދު ރާއްޖެއަށް އައިސްފައިވާއިރު، މިއީ އޭގެ ކުރީ އަހަރުގެ ޑިސެންބަރު މަހު އައި 120 އުޅަނދާ އަޅާބަލާއިރު އިތުރުވުމެކެވެ.
އަދި ރާއްޖެއިން ފުރި އުޅަނދުފަހަރުގެ އަދަދުވެސް ވަނީ 120 އިން 174 އަށް އިތުރުވެފައެވެ.



