ސައުދީ އަރަބިއްޔާ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓްރީއަށް 15 ޓަނުގެ ކަދުރު މިއަދު ހަދިޔާކޮށްފިއެވެ.
މިއީ ރަމަޟާން މަހަށް ޚާއްސަކޮށްގެން، އާންމުކޮށް ރައްޔިތުންނަށް ބެހުމަށް ހަދިޔާކުރާ ކަދުރުގެ އިތުރުން ސައުދީން ދިން އެހީއެކެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، މި ކަދުރު ޝިޕްމަންޓް އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްދެއްވީ ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލް ގަހްތާނީ އެވެ.
ރައްޔިތުންނަށް ބެހުމަށް ސައުދީން ހަދިޔާކުރާ 50 ޓަނުގެ ކަދުރުގެ ޝިޕްމަންޓް މިހާރު ވަނީ ރާއްޖެ އައުމުގެ މަގުމަތީގައެވެ.
ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް ސައުދީ ސަރުކާރުން އަންނަނީ ރާއްޖެއަށް ދީލަތި އެހީތަކެއް ފޯރުކޮށްދެމުންނެވެ. އެގޮތުން މިދިޔަ އަހަރުވެސް އެ ގައުމުން ވަނީ ރާއްޖެއަށް 60 ޓަނުގެ ކަދުރު ހަދިޔާކޮށްފައެވެ.
ކަދުރު ހަދިޔާކުރުމުގެ އިތުރުން، ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ ފަރާތްޕުޅުން ދެއްވާ ރޯދަވީއްލުމުގެ ޕްރޮގްރާމްވެސް މިހާރު ވަނީ ރާއްޖޭގައި ފަށާފައެވެ.




