ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމާއި ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓަށް ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރަންޖެހޭކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
ލޯކަލް ކައުންސިލް އިންތިހބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ. މި އިންތިހާބާއެކު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް މުޅި ރާއްޖެއަށް ހުޅުވާލައިގެން ނެގުމަށް ވެސް ވަނީ ނިންމާފައެވެ.
ޚިޔާލު ހޯދުމުގެ ވޯޓު ނަގަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމާއިމެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން އިލެކްޝަން ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ މި ވޯޓާއި ހަމައަށް ދާއިރު ރައްޔިތުން ސަމާލުކަން ދޭން ޖެހޭ ކަންކަން ހުރި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެއް ދުވަހެއްގައި ކައުންސިލް އިންތިޚާބާއެކު އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓުގެ ކަންކަން ކުރިއަށްގެންދަން ހަމަޖެހިފައިވިޔަސް ވޯޓުލުމުގެ މަރުހަލާއަށް މާ ބޮޑު ބަދަލުތަކަށް ނާންނާނެ ކަމަށެވެ. އެހެންނަމަވެސް ފެންނަ ނުފެންނަ ވޯޓަށް ޚާއްސަ ވޯޓު ކަރުދާހެއް ދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
”ވާދަ ކުރާ އިންތިޚާބުތަކާއި ފެންނަ ނުފެންނަ ވޯޓެއް ނެގުމާއި ތަފާތު ދެކަމެއް މިއީ. ވާދަ ކުރާ އިންތިޚާބުތަކުގައި ބަޔަކު މަޤާމަކަށް އިންތިޚާބުކުރަން ވޯޓުލާންޖެހެނީ. އެހެންނަމަވެސް ފެންނަ ނުފެންނަ ވޯޓުގައި ނޯންނާނެ ހޮވާކަށް. އޮންނާނީ ވޯޓު ކަރުދާހުގައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ ޚިޔާލު ހޯދުމަށް އައްސަވާ ސުވާލާއި އެކަމަށް ފެންނަ ކަމަށް ނުވަތަ ނުފެންނަ ކަމަށް ވޯޓު ދިނުމަށް“ ހަސަން ވިދާޅުވިއެވެ.




