މި ފެބުރުއަރީ މަހުގެ މިހާތަނަށް މަސްވެރިން ކިރުވި މަހަށް 13 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް މިފްކޯއިން ބުނެފިއެވެ.
މިފްކޯ އިން އަންނަނީ ކޮންމެ ދުވަހަކު އެ ކުންފުނިން މަސްވެރިންނަށް ދޫކުރަމުންދާ ފައިސާގެ ތަފްސީލުތައް ހާމަކުރަމުންނެވެ.
މިފްކޯ އިން ހާމަކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފެބުރުއަރީ 21 ވަނަ ދުވަހު ކިރުވި މަހަށް، މަސްދޯނި ފަހަރަށް މިއަދު ވަނީ 914,323 ރުފިޔާ ޖަމާކޮށްފައެވެ. މިއާއެކު، މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 13,819,193.30 ރުފިޔާ ވަނީ މަސް ދޯނިފަހަރަށް ދޫކޮށްފައެވެ.
ފައިސާ ދޫކުރި ގޮތުގެ ތަފްސީލަށް ބަލާއިރު، ކަޅުބިލަމަސް ކިރުވި ދޯނި ފަހަރަށް 11,613,739.30 ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި 10 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި ދޯނި ފަހަރަށް 747,484 ރުފިޔާ ޖަމާކޮށްފައިވާއިރު، 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި ދޯނި ފަހަރަށް 1,457,510 ރުފިޔާ ވަނީ ޖަމާކޮށްދީފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ކުރީ ސަރުކާރުން މަސްވެރިންނަށް ދޫނުކޮށް 250 މިލިއަނެއްހާ ރުފިޔާ އޮތެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރު އެ ފައިސާ ދޫކޮށް ނިންމަވައި، 2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހުން ފެށިގެން 48 ގަޑިއިރުތެރޭ މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސަވާފައެވެ.




