ނޭޕާލްގެ ޕަކޯރާއިން ފުރައިގެން ކަތަމަންޑޫއަށް ދަތުރުކުރި ބަހެއް ކޯރަކަށް ވެއްޓި، ގިނަ އަދަދެއްގެ މީހުން މަރުވެއްޖެއެވެ.
ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ޖުމްލަ 35 މީހުންނާއެކު ދަތުރުކުރަމުން ދިޔަ މި ބަސް ވެއްޓިފައިވަނީ ތިރިޝްލީ ކޯރަށެވެ. ނޭޕާލް ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނާ ގޮތުގައި، މި ހާދިސާގައި މިހާތަނަށް 18 މީހަކު މަރުވެފައިވާކަން ވަނީ ކަށަވަރު ކުރެވިފައެވެ. އަދި އިތުރު 28 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
މި ހާދިސާގައި އަނިޔާވި މީހުންނަށް އެ ސަރަހައްދުގެ ހޮސްޕިޓަލްތަކުގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ. އަނިޔާވި މީހުންގެ ތެރޭގައި ބޭރު ގައުމުތަކުގެ ފަތުރުވެރިންވެސް ހިމެނެއެވެ. އޭގެ ތެރޭގައި ނިއުޒިލޭންޑަށް ނިސްބަތްވާ ފިރިހެނަކާއި، ޖަޕާނު އަންހެނެއްގެ އިތުރުން ނެދެލޭންޑްސްގެ އަންހެނަކުހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު އަދި މިހާތަނަށް ރަސްމީކޮށް ހޯދިފައި ނުވި ނަމަވެސް، ފުލުހުން ލަފާކުރާ ގޮތުގައި ބަސް ކޯރަށް ވެއްޓުނީ ބާރު ސްޕީޑުގައި ދަތުރުކުރުމުގެ ސަބަބުން ބަސް ކޮންޓްރޯލުން ނެއްޓިގެންނެވެ.
ނޭޕާލްގެ ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



