ފެނަކައިން ދެމުންގެންދާ ފެނުގެ ހިދުމަތް ދެމެހެއްޓެނިވި ގޮތަށް ދިނުމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން، ހއ. އިހަވަންދޫގައި އިތުރު އާރުއޯ ޕްލާންޓެއް ގުޅައި ހިދުމަތް ދޭން ފަށައިފިއެވެ.
އެ ކުންފުނިން މިއަދު ބުނީ، މި އާރުއޯ ޕްލާންޓަކީ ދުވާލަކު 50 ޓަނުގެ ފެން އުފެއްދުމުގެ ކެޕޭސިޓީ ހުރި ޕްލާންޓެއް ކަމަށެވެ.
މީގެ ކުރިން އެރަށުގައި ފެނުގެ ހިދުމަތް ދެމުން ގެންދިޔައީ 50 ޓަނުގެ ކެޕޭސިޓީ ޕްލާންޓަކުން އެކަންޏެވެ. ނަމަވެސް އަލަށް މި އިތުރު ކުރެވުނު ކެޕޭސިޓީއާއެކު، ދުވާލަކު ފެން އުފެއްދޭވަރު ދެގުނަ ކުރެވި، ދުވާލެއްގެ މައްޗަށް 100 ޓަނުގެ ފެން އުފެއްދުމުގެ ގާބިލްކަން ލިބިގެންދާނެ ކަމަށް ފެނަކަ އިން ބުންޏެވެ.
މި ހިނގާ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު ޚިދުމަތަށް ބޭނުން ކުރަން ފެށުނު މި އާރްއޯ ޕްލާންޓާއެކު، އިހަވަންދޫގައި ބޭނުންވާ ޑިމާންޑަށް ފެން ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ލިބި، ޚިދުމަތް ރަނގަޅުވެގެން ދާނެ ކަމަށް ވެސް ފެނަކައިން ބުންޏެވެ.




