އަމިއްލަ ގޮތުން، މި އަހަރުގެ މެއި/ ޖޫންގައި އޭލެވެލްގައި ބައިވެރިވާ އެޕްލިކޭޝަން މިއަދު ދޫކުރަން ފަށައިފިއެވެ.
ޑިޕާޓުމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން (ޑީޕީއީ) އިން މިއަދު ބުނީ، މިއަހަރުގެ މެއި/ ޖޫންގައި އަމިއްލަ ގޮތުން އޭލެވެލްގައި ބައިވެރިވާ ދަރިވަރުންނަށް އެޕްލިކޭޝަން ދޫކޮށް، ފައިސާ ބަލައިގަންނަން ފަށާފައިވާ ކަމަށެވެ.
އެ މަސައްކަތް ކުރިއަށް ދާނީ، އަންނަ މާރިޗް މަހު 12 ވަނަ ދުވަހުގެ 12:00ގެ ނިޔަލަށް ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
އޭލެވެލް އިމްތިހާނުގައި ބައިވެރިވުމަށް ފައިސާ ބަލައިގަންނަނީ، ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށެވެ.
މީގެކުރިން 2019 ވަނަ އަހަރަށް ފަހުގައި، މެއި، ޖޫންގައި އެޑެކްސެލް އޭލެވެލް ހެދުން ވަނީ ނިންމާލާފައެވެ. އެގޮތުން، ރާއްޖޭގައި އޭލެވެލް ހަދަނީ، ހަމައެކަނި އޮކްޓޫބަރު، ނޮވެންބަރުގައެވެ.
އޭގެފަހުން މިދިޔަ އަހަރަށް ރާއްޖޭގައި، މެއި، ޖޫންގައި އޭލެވެލް ނުހަދާތާ ފަސް އަހަރު ވަނީ ފުރިފައެވެ.
މި އަހަރުގެ މެއި/ ޖޫންގައި އަމިއްލަ ގޮތުން އޭލެވެލްގައި ބައިވެރިވެވޭކަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާނުކުރީ، މިމަހުގެ ދެވަނަ ދުވަހެވެ. އެއީ، އަހަަރު އެންމެ ފަހަރަކު އޭލެވެލް އިމްތިހާނު ބޭއްވުމަކީ، ކުދިންގެ ވަގުތު ގެއްލި، ނަތީޖާއަށް ނޭދެވޭ އަސަރު ކުރާ ކަމެއް ކަމަށް ބުނެ، ބައެއް ދަރިވަރުން ޕެޓިޝަނެއް ސޮއިކުރަމުން ދަނިކޮށެވެ.




