ޓެކްސީ ޑްރައިވަރެއް ކަމަށްވާ ގާސިމް ހަސަން މަރާލި ކަމަށް ސާބިތުވެފައިވާ އަދުހަމް މުހައްމަދުގެ ފަރާތުން، ގާސިމްގެ އާއިލާއަށް އެއްވެސް ގޮތަކަށް ގުޅަން މަސައްކަތް ނުކުރުމަށް ޝަރީއަތުން އޭނާއަށް މިއަދު އަންގައިފިއެވެ.
އަނިޔާވެރިކޮށް ގާސިމް މަރާލާފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި، ހުޅުމާލޭގައެވެ. އެ މައްސަލައިގައި، އަދުހަމުގެ މައްޗަށް އޮތީ މަރުގެ އަދަބު ކަނޑައަޅާފައެވެ.
ގާސިމް ޓެކްސީ ދުއްވަމުން ދަނިކޮށް އޭނާގެ ކަރަށް އަދުހަމް ވަޅިން ހަމަލާދިނީ ކާރުގެ ފަހަތު ސީޓުގައި އިނދެފައި، ގާސިމްގެ އަތުން ފޭރެން އުޅުމުގެ ތެރޭގައެވެ.
ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއަށް އަދުހަމް ކުރިން އެއްބަސްވުމަށް ފަހު، ފަހުން އޭނާ ބުނެފައިވަނީ ހަމަލާދެވުނީ ގަސްދެއް ނެތި ކަމަށެވެ. އަދި ހަމަލާދެވުނީ މަސްތުވެގެން ހުއްޓާ ކަމަށް ވެސް އަދުހަމް ބުނެފައިވެއެވެ.
އަދުހަމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމި ޝަރީއަތުގައި ގާޒީ ވިދާޅުވެފައި ވަނީ ގާސިމަށް ހަމަލާދިން ސަބަބާ ބެހޭ ގޮތުން އެކި ފަހަރު އެކިގޮތަށް އަދުހަމް ތަހުގީގުގައި ވާހަކަ ދެއްކިޔަސް، ވަޅި ހެރި ކަމަށް އޭނާ ކޮންމެ ފަހަރަކު ވެސް އެއްބަސްވެފައިވާ ކަމަށެވެ.
އަދުހަމްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅީ އޭނާގެ މައްޗަށް ކުށް ސާބިތުވުމާއެކު، ވާރިސުން މަރަށް މަރު ހިފަން އެދިފައި ވާތީއެވެ. ގާސިމްގެ ވާރިސުންގެ ގޮތުގައި ދުނިޔޭގައި ތިބި އޭނާގެ ފަސް ދަރިން ވެސް ވަނީ މަރަށް މަރު ހިފުމަށް އެދޭ ކަމަށް ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ އަޑުއެހުމުގައި ހެކިބަސްދީފައެވެ.
އަދުހަމްގެ ފަރާތުން، ގާސިމްގެ އާއިލާގެ އެއްވެސް މީހަކަށް ގުޅަން އެއްވެސް މަސައްކަތެއް ނުކުރުމަށް ޝަރިއަތުން އެންގީ، ހައިކޯޓުގައި މިހާރު ހިނގަމުންދާ އެ މައްސަލައިގެ އިސްތިއުނާފު އަޑު އެހުމުގައެވެ.
އިސްތިއުނާފު އަޑު އެހުމުގައި ދައުލަތުގެ ވަކީލުންވަނީ ގާސިމްގެ އާއިލާއާ ހަވާލާދީ، އަދުހަމްއާ ދައްކަން ޖެހޭނެ އެއްވެސް ވާހަކައެއް ނެތް ކަމަށް ބުނެފައެވެ. އަދި އަދުހަމްގެ ވަކީލުން ގާސިމްގެ އާއިލާއަށް ގުޅަން މަސައްކަތް ކުރާ ކަމަށާއި، އެކަން ނުކުރަން އާއިލާއިން އެދޭ ކަމަށް ބުނުމުން، ޝަރީއަތުންވަނީ އަދުހަމްގެ ފަރާތުން އެކަން ނުކުރުމަށް އަންގައިފައެވެ.




