ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާއި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުގެ އިސްބޭފުޅުންނަށް ރޯދަވީއްލުމެއް މިއަދު ދެއްވައިފިއެވެ.
މުލީއާގޭގައި މިއަދު ބޭއްވެވި މި ރޯދަވީއްލުމަށް ވަޑައިގެންނެވި ޢިއްޒަތްތެރިން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ރޯދަ މަހުގެ ތަހުނިޔާ ދަންނަވައި، އިޙްތިރާމް އަދާކުރައްވާފައެވެ.
ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާއި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުގެ އިސްބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކޮންމެ އަހަރަކު ދެއްވާ ރޯދަ ވީއްލުމަކީ ޑިޕްލޮމެޓިކް ގުޅުންތައް އިތުރަށް ހަރުދަނާކޮށް، ދޭދޭ ގުޅުންތައް ފުޅާކޮށް، ސަގާފީ އަދި ދީނީ ކަންކަމުގެ ތެރެއިން ގުޅުންތައް ހަރުދަނާކުރުމުގެ ގޮތުން ކުރިއަށް ގެންދެވޭ ހަރަކާތެކެވެ.




