ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހިންގަން އުޅޭ މަޝްރޫޢަކީ ރާއްޖޭގައި ”ޔަހޫދީ އާބާދީއެއް“ ޤާއިމުކުރުން ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުތަކަކީ ދީނީ ގޮތުން ބައިބައިވުން އުފައްދައި ޙަޤީޤަތް އޮޅުވާލައި ސިޔާސީ މަންފާއެއް ހޯދުމަށް ދެއްކެވި ވާހަކަފުޅުތަކެއް ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ރަސްމާލެ މަޝްރޫޢު ދޫކޮށްލުމަށް ގޮވާލައްވައި ރައީސް ޔާމީން އެކްސްގައި ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުން މިނިސްޓަރު އިޙްސާން ވިދާޅުވީ، އެއީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށާއި، ސިޔާސީ ފައިދާއެއް ހޯދުމަށްޓަކައި ދީނީ ޝުޢޫރުތަކުގެ ނާޖާއިޒު ފައިދާ ނަގަން ކުރާ ލަދުވެތި މަސައްކަތެއް ކަމަށެވެ.
އަދި ފަލަސްޠީނުގެ ޙައްޤުގައި ދިވެހި ރައްޔިތުންގެ ހިތްތަކުގައި އޮތް ޘާބިތު ލޯތްބާއި ތާއީދަކީ ބިރުވެރިކަމާއި ނަފްރަތާއި ދޮގު މަޢުލޫމާތު ފެތުރުމަށް ބޭނުންކުރެވޭނެ ސިޔާސީ ހަތިޔާރެއް ނޫން ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ޔާމީންގެ ވެރިކަމުގައި މި މަޝްރޫޢު ޙަޤީޤަތަކަށް ނުވުމަކީ މިއަދު އެ މަޝްރޫޢު ބަދުނާމުކޮށް ގޯސްކުރުމުގެ ޙައްޤު ލިބޭ ސަބަބެއް ނޫންކަން ފާހަގަކުރައްވައި އިޙްސާން ވިދާޅުވީ، ޤައުމީ ތަރައްޤީއަކީ އަމިއްލަ ސިޔާސީ ޙަސަދަވެރިކަމުގެ ތެރެއިން ގެއްލިގެންދާ އެއްޗަކަށް ހަދައިގެން ނުވާނެ ކަމަށެވެ.
ސިޔާސަތުތަކަށް ފާޑުކިޔުމުގެ ފުރުޞަތު އޮތް ނަމަވެސް، ސިޔާސީ ގޮތުން މަޤްބޫލުކަން ހޯދުމަށް މުޖުތަމަޢުގެ މެދުގައި ދީނީ ބައިބައިވުން އުފެއްދުމާއި ރައްޔިތުންނަށް އޮޅުވާލުން ހުއްޓާލަންޖެހޭ ކަމަށާއި، ރާއްޖެއަށް ޙައްޤުވަނީ ޒިންމާދާރު ލީޑަރޝިޕެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.


