ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލޭންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އިން އެ ކުންފުނީގެ ޑީއެޗްސީ-6 އަށް ކެޕްޓަނުން ހޯދަން އިއުލާނުކޮށްފިއެވެ.
މި މަގާމަށް ހޯދަނީ ޖުމްލަ ކިތައް ކެޕްޓަނުން ކަމެއް އެ ކުންފުނިން ހާމަކޮށްފައެއް ނުވެއެވެ.
މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، އޭވިއޭޝަން ދާއިރާގައި މަދުވެގެން 5،000 ގަޑިއިރުގެ އުދުހުމުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ. މީގެ އިތުރުން، ޑީއެޗްސީ-6 މަރުކާގެ ފްލައިޓްތަކުން މަދުވެގެން 4،000 ގަޑިއިރުގެ ތަޖުރިބާ ލިބިފައިވުމާއެކު، އެ މަރުކާގެ ފްލައިޓްތަކުގެ ކޮމާންޑްގައި މަދުވެގެން 2،500 ގަޑިއިރު ހޭދަކޮށްފައިވާ ފަރާތަކަށް ވާންޖެހެއެވެ.
އައިލޭންޑް އޭވިއޭޝަނުން މައުލޫމާތު ދޭ ގޮތުގައި، މި މަގާމަށް ހޮވޭ ފަރާތްތަކުގެ ބޭސް އޮފް އޮޕަރޭޝަންސްއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓެވެ. މަގާމަށް ކުރިމަތިލާއިރު، ޗީފް ޕައިލެޓް ނުވަތަ ފްލީޓް މެނޭޖަރު އެޓެސްޓްކޮށްފައިވާ ލޮގްފޮތުގެ ފަހު ތިން ސަފްހާ ހުށަހަޅަން ޖެހޭނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މާޗް މަހުގެ 3 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 އެވެ.




