މިއަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު، އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުޞަތު ހަމަވިއިރު ޖުމްލަ 26,454 މީހުން ރީ-ރަޖިސްޓަރީ ކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) ހާމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މި އިންތިޚާބުގައި ރިސޯޓުތަކާއި ސިނާޢީ މަސައްކަތްކުރާ ރަށްތަކުގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ، އެ ރަށަކަށް ވޯޓުލުމަށް މަދުވެގެން 30 މީހުން ރަޖިސްޓަރީވެފައިވާ ނަމަ ކަމަށެވެ.
މި މިންގަނޑަށް ބަލާއިރު، މިހާތަނަށް ރަޖިސްޓަރީކޮށްފައިވަނީ 21 ރިސޯޓަކުންނެވެ. ނަމަވެސް، ސިނާޢީ މަސައްކަތްކުރާ އެއްވެސް ތަނެއްގައި ވޯޓުފޮށި ބެހެއްޓުމަށް ބޭނުންވާ އަދަދަށް މީހުން ރަޖިސްޓަރީވެފައި ނުވާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
ރާއްޖެއިން ބޭރު ޤައުމުތަކުގައި ވޯޓުފޮށި ބެހެއްޓުމުގެ ޝަރުތުތަކަށް ބަލާއިރު، އެ ޤައުމަކަށް ވޯޓުލުމަށް މަދުވެގެން 2,000 މީހުން ރަޖިސްޓަރީވެ، މަދުވެގެން ކޮންމެވެސް އެއް ދާއިރާއަކުން 40 މީހުން ރަޖިސްޓަރީވާން ޖެހެއެވެ. އެހެންނަމަވެސް، ރާއްޖޭއިން ބޭރުގައި ވޯޓު ފޮށި ބެހެއްޓުމަށް އިޢުލާންކޮށްފައިވާ ޤައުމުތަކުގައި ރީ-ރަޖިސްޓަރީވެފައިވަނީ ކަނޑައެޅިފައިވާ އަދަދަށްވުރެ މަދުންނެވެ. އެގޮތުން މެލޭޝިއާއިން 499 މީހުން ރީ-ރަޖިސްޓަރީ ކުރިއިރު، ސްރީލަންކާއިން ރަޖިސްޓަރީކޮށްފައިވަނީ 189 މީހުންނެވެ.
މިކަމާ ގުޅިގެން، ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ތަންތަން އަދި ރާއްޖެއިން ބޭރުގައި ވޯޓުލުމަށްޓަކައި ކަނޑައެޅިފައިވާ ޢަދަދަށް ވުރެއް މަދުން ރަޖިސްޓަރީކޮށްފައިވާ މީހުންނަށް، ވޯޓު ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައިވާ އެހެން ތަނަކަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު އީސީން މިހާރު ވަނީ ހުޅުވާލާފައެވެ.
މި ފުރުސަތު މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:30 ގެ ނިޔަލަށް ކުރިއަށްދާނެއެވެ.
އިލެކްޝަންސް ކޮމިޝަނުން އިތުރަށް ބުނީ، މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ވެފައިވާ ތަން ބަދަލުކުރެވޭނީ ވޯޓުފޮށި ނުބަހައްޓޭނެކަމަށް އިޢުލާނުގައިވާ ފޮށިތަކަށް ވޯޓު ލުމަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ބަދަލު ނުކޮށްފިނަމަ، އެ ފަރާތްތަކަށް ވޯޓު ލެވޭނީ އެމީހަކު ރަށްވެހިވެފައިވާ ރަށުގައެވެ.
މީގެއިތުރުން، މި އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ ފަރާތްތަކަށްވެސް، ވޯޓު ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައިވާ އެހެން ތަނަކަށް ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު އަންނަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:30 އާ ހަމައަށް އޮންނާނެ ކަމަށް އީސީން މަޢުލޫމާތު ދެއެވެ.




