ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ހަދިޔާކުރާ މަސްދަޅު ކޭސް ދޫކުރުން ރޯދަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، މި އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ޖުމްލަ 118,773 ގޭބީސީއަކަށް މަސްދަޅު ކޭސް ބެހުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުގެ 61,755 ގޭބީސީއަކާއި، އަތޮޅުތެރޭގެ ރަށްރަށުން 56,918 ގޭބީސީއެކެވެ.
މާލެ ސަރަހައްދުގައި މިދިޔަ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު މަސްދަޅު ކޭސް ބަހަން ފަށާފައިވާއިރު، މިހާތަނަށް 54,488 މަސްދަޅު ކޭސް ބަހާފައިވާ ކަމަށް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި މިހާރު މަސްދަޅު ކޭސް ދޫކުރަމުންދަނީ އެމްސީއެލްޕީގެ ޕަބްލިކް ވޯކްސް ސައިޓުންނާއި، ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ގައި ހުންނަ މިފްކޯގެ ފިހާރަތަކުންނެވެ.
އަތޮޅުތެރޭގެ ރަށްރަށުގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރިއަށްދަނީ އެ ރަށެއްގެ ކައުންސިލްތައް މެދުވެރިކޮށެވެ.



