ބިދޭސީއެއްގެ އަތުން ފައިސާ ނެގުމަށް ފަހު، އެ މީހާ ބަންދުން ދޫކޮށްލި ކަމަށް ތުހުމަތު ކުރާ މައްސަލާގައި އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލްގެ މަގާމުގައި ކުރިން ހުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގައި އޭނާގެ މަންމަ އާއި ބައްޕަގެ އިތުރުން އަނބިމީހާ ވެސް ހެކިބަސް ދީފިއެވެ.
ޝަމްއާންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ތިން ދައުވާއެކެވެ.
އެއީ:
° ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ
° ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ
° މަނީ ލޯންޑްރިންގެ ދައުވާ
މި ދައުވާތަކުގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވިއިރު، އަޑުއެހުމުގައި ޝަމްއާންގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމެވެ. އޭނާގެ ފަރާތުން 10 މީހެއް ހެކިންގެ ގޮތުގައި ހުށަހަޅިއިރު، އޭގެ ތެރޭގައި އަނބިމީހާ އާއި މައިންބަފައިން ވެސް ހިމެނެއެވެ.
އެ ތިން މީހުން ޝަމްއާންގެ ދިފާއީ ހެއްކެއްގެ ގޮތުގައި މައިގަނޑު ގޮތެއްގައި ހުށަހެޅީ ޝަމްއާން ނަގާފައިވާ ސްޓޫޑެންޓް ލޯނަށް ފައިސާ ދައްކާފައިވާ ކަމާއި އެ ފައިސާއަކީ އޭނާއަށް އޭނާގެ ބައްޕަ ދިން ފައިސާތަކެއް ކަން ސާބިތުކުރުމަށެވެ.
ދައުލަތުން ތުހުމަތު ކުރާ ގޮތުގައި ބިދޭސީއެއް ހިފެހެއްޓިއިރު އޭނާގެ އަތުން އަތުލި 500،000ރ. ޝަމްއާން ފޭރިގަނެ އޭގެ ތެރެއިން 400،000ރ. އޭނާގެ އަތުގައި ބަހައްޓާފައިވެ އެވެ. އަދި ޝަމްއާންގެ ނަމުގައި ނަގާފައިވާ ދެ ސްޓޫޑަންޓް ލޯނަކަށް ފައިސާ ދެއްކުމުގެ ގޮތުން ބޭންކު އޮފް މޯލްޑިވްސްގެ ލޯން އެކައުންޓަށް 149،491.46 ރުފިޔާ އާއި އެހެން ލޯނު އެކައުންޓަކަށް 110،345.59 ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ވެސް ޝަމްއާނަށް ކުރި ދައުވާގައި ބުނެފައިވެއެވެ.
ޝަމްއާންގެ ބައްޕަ އިބްރާހިމް ވަހީދު ހެކިބަސް ދެމުން ބުނީ، ޝަމްއާންގެ ލޯނު ނުދައްކާ އޮތުމުން އެކަމާ ކަންބޮޑުވާތީ، އެ ލޯނު ދައްކަން އޭނާ އަށް ތިން ލައްކަ ރުފިޔާ ދީފައިވާނެ ކަމަށެވެ. އެ ފައިސާ ދިނީ ނަގުދު ފައިސާގެ ގޮތުގައި ކޮތަޅަކަށް ލާފައި ކަމަށާއި އޭނާއަކީ އާންމުކޮށް ނަގުދު ފައިސާ ގޭގައި ބަހައްޓާ މީހެއް ކަމަށް ވެސް ބުންޏެވެ.
މީގެއިތުރުން އިބްރާހިމް ވަހީދު ބުނި ގޮތުގައި އޭނާއަކީ ފިހާރަ އާއި ކެފޭ ހިންގައިގެން ފައިސާ ހޯދާ އަދި އެޕާޓްމެންޓް ކުއްޔަށް ދީގެން ވެސް އާމްދަނީ ލިބޭ މީހެކެވެ. ޝަމްއާންގެ މަންމަ މުރުޝިއާ ވެސް ވަނީ އެ މަސައްކަތްތަކުން އެ ގެއަށް ރަނގަޅު އާމްދަނީއެއް ލިބޭކަން ފާހަގަކޮށް ހެކިބަސް ދީފައެވެ. އެ ފައިސާ ދިނީ ޝަމްއާންގެ އަންހެނުން އިދުފާ ފާއިޒުގެ ވެސް ހާޒިރުގައި ކަމަށް ވެސް ބުންޏެވެ.
އިދުފާ ހެކިބަސް ދެމުން ބުނީ، އެ ދުވަސްވަރު ޝަމްއާންގެ ކާރު ވިއްކާލައިގެން ވެސް އޭނާ އަށް ނަގުދު ފައިސާތަކެއް ލިބުނު ކަމަށެވެ. އެގޮތުން އެޑްވާންސް ޕޭމެންޓްގެ ގޮތުގައި 10،000 ޑޮލަރާއި 250،000ރ. ލިބުނު ކަން އޭނާ ފާހަގަކުރިއެވެ.
އެ ކާރު ވިއްކީ އަހުމަދު މުހައްމަދު ވަހީދު ކިޔާ ޝަމްއާންގެ ރައްޓެސަކަށެވެ. އޭނާގެ ނަން ވެސް ހެކީގެ ގޮތުގައި ހުށަހެޅި އެވެ. އެކަމަކު، އޭނާގެ ހެކިބަހާ ނުލާ ކުރިއަށް ދާން ދިފާއުން ވަނީ ނިންމައިފަ އެވެ. ކާރު ވިއްކާލި އެއްބަސްވުން ހުށަހަޅާފައިވާއިރު އޭގައި ހެކިންގެ ގޮތުގައި ސޮއިކުރި ޝަމްއާންގެ ދެ އެކުވެރިން ވެސް މިއަދު ހެކިބަސް ދީފައިވެއެވެ.
އެގޮތުން ހެކިބަސް ދެމުން އައިމިނަތު ނަޝާޔާ ބުނީ، ހެކިވެރިއެއްގެ ގޮތުގައި އެއްބަސްވުމުގައި ސޮއިކުރި ކަމަށާއި އެ ދުވަހު އެޑްވާންސްގެ ގޮތުގައި ޑޮލަރާއި ރުފިޔާ ހިމެނޭހެން ނަގުދު ފައިސާ ޝަމްއާންއާ ހަވާލުކުރި ކަމަށެވެ. ފާރިހު މުހައްމަދު ބުނީ ކާރު ވިއްކާލި ހަ ލައްކަ ރުފިޔާ އަށް ކަމަށާއި އެޑްވާންސްގެ ގޮތުގައި ޝަމްއާންއާ ފައިސާ ހަވާލުކޮށް، އެ ގުނިއިރު އެ ތަނުގައި ހުރި ކަމަށެވެ.


