ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި އިސްމާޢީލް ނަވީން، ޝަރަފުވެރިކަމާއެކު ފުލުހުންގެ ޚިދުމަތުން ރިޓަޔަރކުރެއްވުމާ ގުޅިގެން އެކަން ފާހަގަކުރުމަށް ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.
މި މަހުގެ 18 ވަނަ ދުވަހު މަޤާމުން ރިޓަޔަރކުރެއްވި ނަވީންގެ ޝަރަފުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހޯމް މިނިސްޓަރު ޢަލީ އިޙްސާނެވެ.
މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ފުލުހުންގެ އިސް ކޮމިޝަންޑް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރަސްމިއްޔާތުގެ ތެރެއިން، އިސްމާޢީލް ނަވީން ފުލުހުންގެ ޚިދުމަތަށް ކޮށްދެއްވި އަގުހުރި މަސައްކަތްތަކުގެ އަގުވަޒަންކޮށް، އެމަނިކުފާނަށް ވަނީ ޝަރަފުގެ ހަނދާނީ ފިލައެއް އަރުވާފައެވެ.
ޝަރަފުގެ ހަނދާނީ ފިލައަކީ ޝަރަފުވެރިކަމާއެކު ރިޓަޔަރކުރައްވާ ކޮމިޝަނަރުންނަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އަރުވާ ހާއްސަ ފިލައެކެވެ. މި ފިލާގައި ނަވީންއަށް ލިބިވަޑައިގެންފައިވާ ކުލަތަކާއި، މެޑަލްތަކުގެ އިތުރުން، ކޮމިޝަނަރ އޮފް ޕޮލިސްގެ ޔުނިފޯމުގައި ހިމެނޭ އައިޓަމްތަކާއި ފުލުހެއްކަން އަންގައިދޭ ކާޑު ހިމަނާފައިވެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގައި 32 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރެއްވި އިސްމާޢީލް ނަވީން ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގަތީ 7 ޖުލައި 1994 ގައެވެ. ނަވީން ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އައްޔަންކުރެއްވީ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނަވަނިކޮށް، މިދިޔަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ.

ފުލުހުން ބުނިގޮތުގައި، ނަވީން ވަނީ އެ މުއައްސަސާގެ ތަފާތު އެކި ދާއިރާތަކުގައި އިސް މަޤާމުތަކެއް ފުރުއްވާފައެވެ. އޭގެ ތެރޭގައި އޮޕަރޭޝަނަލް ދާއިރާ، ތަހުގީގީ ދާއިރާ، އަދި އެޑްމިނިސްޓްރޭޓިވް އެންޑް ސަޕޯޓް ދާއިރާގެ އެކި ބަހާތަކުގެ ވެރިއެއްގެ ގޮތުގައި ކުރެއްވި މަސައްކަތްތައް ފާހަގަކޮށްލެވެއެވެ.




