ފާއިތުވީ ދެ އަހަރު ދުވަހު ލާމަރުމަޒީ ހިދުމަތްތައް ފުޅާކުރުމަށް އިތުރު ބާރާއި ރައްޔިތުންގެ އިތުބާރު ހޯދައިދޭން ބޮޑެތި މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި ރައީސް ނެރުއްވި ހިތާބުގައެވެ.
އެ ހިޔާބުގައި ރައީސް ވިދާޅުވީ، ރައްޔިތުންގެ އަޑުއަހައިގެން ރައްޔިތުންނާ ގާތުން ހިދުމަތްތައް ދިނުމަށް ސަރުކާރުން ކުރާ މަސައްކަތް ދުވަހުން ދުވަހަށް ހަރުދަނާކޮށް، ހުއްޓުމެއް ނެތި ކުރިއަށް ގެންދިޔުމުގެ އަޒުމު އާ ކުރައްވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީއާ އެކު، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުގެ ފުރުސަތު އިތުރަށް ފަހިވެފައިވާ ކަމަށެވެ. އެގޮތުން މިދިޔަ ދެ އަހަރު ދުވަހު ލާމަރުމަޒީ ހިދުމަތްތައް ފުޅާކުރުމަށް އިތުރު ބާރާއި ރައްޔިތުންގެ އިތުބާރު ހޯދައިދިނުމަށް މި ސަރުކާރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
”ކައުންސިލްތަކަށް އާމްދަނީ ލިބޭނެ މަގުތައް އިތުރަށް ފަހިކޮށްދިނުމާއި، އތމ ކޮމިޓީތަކަށް ހައްގު މަގާމާއި ހައިސިއްޔަތު ހޯދައިދިނުމާއި، ކައުންސިލް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދިނުން ފަދަ، ލާމަރުކަޒީ ގާނޫނު ވުޖޫދުވީއްސުރެ ކައުންސިލުންތަކުން އިންތިޒާރު ކުރަމުން އައި އެތައް ކަމެއް މިއަދު އެ ވަނީ ހަގީގަތަކަށް ވެފަ އެވެ. ކައުންސިލްތަކަށް ވަސީލަތްތައް ފަހި، ޒަމާނީ އާ އިމާރާތްތައް ބިނާކޮށްދިނުމުގައި މި ސަރުކާރުން ވަނީ އިސްނަގައިފަ އެވެ،“ ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވި ގޮތުގައި ރަށްތަކުގެ ސިއްހީ، ތައުލީމީ އަދި އެ ނޫން ވެސް އިޖުތިމާއީ ހިދުމަތްތައް ވެސް ފުޅާކޮށް، ކޮންމެ ރަށެއްގައި ފުލުހުންގެ ހިދުމަތް، އޭޓީއެމް އަދި ކޮންމެ އަތޮޅަކުން އައިޑީ ކާޑާއި ޕާސްޕޯޓު ހެދުން އެތައް ޒަމާނަކަށް ފަހު ހަގީގަތަކަށް ހަދައިދެވިއްޖެ ކަމަށެވެ.



