އެންމެންގެ މަގުބޫލުކަން ލިބިފައިވާ ދިވެހި ފިލްމީ ތަރި އަހްމަދު ނިމާލް ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢިޒިޔާ ދަންނަވައިފިއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ސްޓްރޯކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ނިމާލް ނިޔާވީ މިއަދު ފަތިހުގެ ވަގުތެއްގައެވެ. ސްޓްރޯކެއް ޖެހިގެން ނިމާލްއަށް ފުރަތަމަ ފަރުވާ ދިނީ އޭޑީކޭ ހޮސްޕިޓަލުގައެވެ. ނަމަވެސް އޭނާގެ ހާލު ސީރިއަސްކަމުން، ޖެނުއަރީ 1 ވަނަ ދުވަހު އައިޖީއެމްއެޗްއަށް އޭނާ ބަދަލު ކުރިއެވެ.
އެނގިފައިވާ ގޮތުގައި އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ނިމާލް ގެންދަން ކުރިން އުޅުންނަމަވެސް، ނިމާލްގެ ހާލު ސީރިއަސްކަމުން ފްލައިޓަކަށް އެރުވުން ރަނގަޅު ނުވާނެކަމަށް ޑޮކްޓަރުން އެއިރު އިރުޝާދު ދެއްވިއެވެ. އޭނާ ކުރިން އޮތީ ލައިފް ސަޕޯޓުގައި ކަމަށް ވެސް އޭނާގެ ގާތް ބައެއް މީހުން ބުންޏެވެ.
ރައީސް މުޢިއްޒު މިއަދު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ތަމްސީލުކުޅުމުގެ ރޮނގުން ހިތްވަރުދިނުމުގެ ޤައުމީ އިނާމު ޙާޞިލްކުރައްވާފައިވާ ކުޅަދާނަ އެކްޓަރު އަދި ޑައިރެކްޓަރު އަޙްމަދު ނިމާލް ނިޔާވުމުގެ ހިތާމައިގާ އެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ.
ނިޔާވިއިރު އުމުރުން 62 އަހަރު ފުރިފައިވާ ނިމާލަކީ ކުޅަދާނަ އެކްޓަރ އަދި ޑައިރެކްޓަރެއްގެ އިތުރުން އެހާމެ ތަޖުރިބާކާރު ލިޔުންތެރިއެއް، އެޑިޓަރެއް އަދި ޕްރޮޑިއުސަރެއް ވެސް މެއެވެ.
ފިލްމީ ދާއިރާގައި 90 ގެ އަހަރުތަކުން ފެށިގެން ވިދާލަން ފެށި ނިމާލަކީ ދިވެހީންގެ ތެރޭގައި ބޮޑު ތަރުހީބެއް ލިބިފައިވާ އެކްޓަރެކެވެ. އަދި އޭނާއަކީ ވަރުގަދަ ފިލްމުތަކެއްގެ ލީޑް ރޯލުތަކުން ވެސް ވަރަށް ގިނައިން ފެނިފައިވާ ފަންނާނެކެވެ. އޭނާ ކުޅޭ ކޮންމެ ކެރެކްޓަރ އެއްވެސް ގެނެސްދޭ ފުރިހަމަކަމުން އެތައް ބަޔަކު ނިމާލަށް ތައުރީފު ކުރެއެވެ. އެގޮތުން ޓީވީއެމްއިން މީގެކުރިން ގެނެސްދިން ”ސަޅިބައިސަ“ އަކީ ނިމާލްއަށް އެތައް ބައެއްގެ ތަރުހީބު ވަރަށް ބޮޑަށް ލިބިގެންދިޔަ ސިލްސިލާ ސީރީޒެކެވެ.
ނިމާލު އެކްޓުކޮށްފައިވާ އެންމެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކަކީ ”ވީރާނާ“، ”ނިއުމާ“، ”މިހަށިން ފުރާނަ ދާންދެން“، ”ނޭނގި ޔާރު ވަކިވީ“ ފަދަ މަގުބޫލު ފިލްމުތަކެވެ. ދާދި ފަހުން އޭނާ ވަނީ މިހާރު އޮލިމްޕަހުން ދައްކަމުންދާ ”ލިލީ“ ގައި ވެސް ފާހަގަކޮށްލެވޭ މޮޅު ކެރެކްޓަރ އެއް ކުޅެ ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައެވެ.
ނިމާލް ނިޔާވި ޚަބަރާއެކު މުޅި މުނިފޫހިފިލުވުމުގެ ދާއިރާއާއި އެނޫންވެސް އެތައް ބަޔަކަށް ވަނީ ކުއްލި ސިހުމެއް ލިބިފައެވެ. އެގޮތުން ސޯޝަލް މީޑިއާގައި އެތައް ބަޔަކު އޭނާއަށް ހެޔޮ ދުޢާކޮށް ޕޯސްޓު ކޮށްފައިވެއެވެ.
ނިމާލްގެ ކަށުނަމާދު އޮތީ މިއަދުގެ އަސްރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.
މާތް ﷲ މައްޔިތާގެ އެންމެހާ ކުށްފާފަތައް ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި އާމީން. އަދި މިފަދަ ހިތްދަތި ވަގުތެއްގައި އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ




