ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އައްޑޫ ސިޓީ އާއި އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫގެ އިދާރީ ދާއިރާތަކުގެ އިހްތިސާސަށް ބަދަލުގެންނަވައި، އެ ބަދަލުތައް ރަސްމީކޮށް އިޢުލާންކުރައްވައިފިއެވެ.
މި ބަދަލުތައް ގެންނަވާފައިވަނީ، އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށް ޓަކައި އިއްޔެ ބޭއްވި އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ، އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގެ ނަތީޖާއާ ގުޅިގެން، އައްޑޫ ސިޓީ އަލުން ކަނޑައަޅުއްވައި، އައްޑޫ ސިޓީގެ އިހްތިސާސްގެ ބައެއްގެ ގޮތުގައި ކުރިން އޮތް ހުޅުދޫ އާއި މީދޫ އަކީ، މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ކަނޑައަޅުއްވާފައިވާތީއެވެ.
އެގޮތުން، އައްޑޫ ސިޓީ އާއި، ހުޅުދޫ އާއި، މީދޫގެ އިދާރީ ދާއިރާގެ އިހްތިސާސަށް ގެންނެވި ބަދަލުތައް އެކަށައަޅުއްވައި، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2026/3، 2026/4 އަދި 2026/5 ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. މިއާއެކު، އެ ދާއިރާތަކުގެ އިހްތިސާސް ދައްކުވައިދޭ ޗާޓުތައް، އެ ޤަރާރުތަކުގެ ޖަދުވަލުގައި ވަނީ ހިމަނުއްވާފައެވެ.
ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 1-56 ވަނަ މާއްދާގެ (ހ) އިން، ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހްތިސާސް ކަނޑައެޅުއްވުމަކީ، ރައީސުލްޖުމްހޫރިއްޔާއަށް މަތިކުރައްވާފައިވާ މަސްއޫލިއްޔަތެކެވެ.



