އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ސައުދީ އަރަބިއްޔާއަށް ވަޑައިގެންފިއެވެ.
މި ދަތުރުފުޅާ ގުޅޭގޮތުން މިނިސްޓަރު ހަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވޭނީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އިސްތިއުމާރީ ޖަރީމާތައް އިތުރުވަމުންދާ މައްސަލައާ ބެހޭގޮތުން ކަމަށެވެ.
މީގެ އިތުރުން، އިސްރާއީލުން ހުޅަނގު އައްސޭރީގެ ބިންތަކަށް ވެރިވެގަތުމާއި، ޔަހޫދީ އާބާދީތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ އިތުރުން، އެ ސަރަހައްދުގެ ދަރަޖަ ބަދަލުކުރުމަށް ހިންގާ އަމަލުތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ހަލީލް އިތުރަށް ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށާއި، އެ ރައްޔިތުންނާއެކު ރާއްޖެއިން އަބަދުވެސް ސާބިތުކަމާ އެކު ދެމި އޮންނާނެކަން މި ބައްދަލުވުމުގައި ކަށަވަރުކޮށްދެއްވާނެ ކަމަށެވެ.




