ހޯމް މިނިސްޓަރު އަލީ އިހުސާންގެ އަނބިކަނބަލުންނާއި އަންހެން ދަރިފުޅުގެ ވީޑިއޯ ސިއްރުން ނެގީ ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) ކަން ފަޅާ އަރައިފިއެވެ.
މި މައްސަލަ ފެންމަތިވީ ’ކުރުސީ‘ ނަމަކަށް ކިޔާ ޓުވިޓަރ އެކައުންޓަކުން މިނިސްޓަރުގެ އާއިލާގެ ވީޑިއޯއެއް އާންމުކުރުމާ ގުޅިގެންނެވެ.
އެ ވީޑިއޯއިން ފެންނަނީ އަންހެނަކާއި ދެ ކުދިން މަގުމަތިން ހިނގާފައިދާ މަންޒަރެވެ. އޭގެ ތެރެއިން އެއް ކުއްޖަކު ބައިސްކަލެއްގައި ދިޔައިރު، ކައިރީގައި ހުރި ފިރިހެނަކީ އެ ކުދިންގެ ބޮޑީގާޑެއް ކަމަށް އެ ވީޑިއޯގައި ތުހުމަތުކޮށްފައިވެއެވެ.
މިކަމާ ގުޅިގެން މިނިސްޓަރު އިހުސާން ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އަކުރަމާއި އިބްރާހިމް ވަހީދު މަގުމަތީގައި ތިއްބަވައިގެން ފޯނުން ވީޑިއޯ ކުރާ މަންޒަރު ފެންނަ ސީސީޓީވީ ފޫޓޭޖެއް އާންމުކުރައްވާފައެވެ. އެ ފޫޓޭޖުން ފެންނަ ގޮތުގައި، މި ވީޑިއޯ ކޮށްފައިވަނީ އިބްރާހިމް ވަހީދެވެ. އަދި އޭނާ އެ ވީޑިއޯ ކުރީ އަކުރަމް އޭނާ އަތަށް ދިން ފޯނަކުންކަން ފޫޓޭޖުން ސާފުވެއެވެ.
މިނިސްޓަރު އިހުސާން ވިދާޅުވީ، އޭނާގެ އަނބިކަނބަލުންނާއި 10 އަހަރުގެ އަންހެން ދަރިފުޅުގެ އެ ވީޑިއޯ އެނޮނީމަސް އެކައުންޓަކުން މީސްމީޑިއާގައި އާންމުކޮށްފައިވާ ކަމަށެވެ. މިއީ ސިޔާސީ ބޭނުމަކަށް އާއިލާގެ މެންބަރުންނަށް އަމާޒުކޮށް ހިންގި ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގައި މިނިސްޓަރު ވަނީ ސިފަކުރައްވާފައެވެ.
މިކަމަށް ފާޑުވިދާޅުވަމުން މިނިސްޓަރު ވިދާޅުވީ މިއީ، ޑިމޮކްރެސީއާއި އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަކުގެ ހިމާޔަތުގައި ވަކާލާތުކުރާ މީހުން ވެއްޓިފައިވާ ދަށު ދަރަޖަ ކަމަށެވެ.
އަދި އެމްޑީޕީއަކީ ޒަމާނުއްސުރެ މުޖުތަމައު ބައިބައިކުރުމާއި މިފަދަ ދަށު ދަރަޖައިގެ ސިޔާސީ އަމަލުތައް ހިންގާ ޕާޓީއެއްގެ ގޮތުގައިވެސް މިނިސްޓަރު ތުހުމަތު ކުރެއްވިއެވެ.




