މި ރަމަޟާންމަހު ދުވާލު މަގުމަތީގައި ކެއި މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު 6 ދުވަހަށް އިތުރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގދ. ވާދޫއަށް ނިސްބަތްވާ 26 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މިމަހުގެ 19 ވަނަ ދުވަހު ދިން 7 ދުވަހުގެ މުއްދަތު ހަމަވާތީ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދިން ބަންދުގެ މުއްދަތު ހަމަވާނީ މާޗް 13 ވަނަ ދުވަހަށެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ފުލުހުން ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ހާދިސާ ހިނގި ސީނަށް ދިޔަ ފުލުހުންގެ ބަޔާނާއި، ތުހުމަތުކުރެވޭ ފަރާތުން ތަހުގީގަށް ދީފައިވާ ބަޔާން ހިމެނޭ ކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
ރަމަޟާން މަހުގެ އިހުތިރާމް ކުޑަކޮށް، ދުވާލު ވަގުތު އާންމު ތަންތަނުގައި ކައިބޮއި ހަދާ މައްސަލަތަކަކީ ފުލުހުން ސީރިއަސްކޮށް ބަލަމުންދާ މައްސަލަތަކެކެވެ.



