އަންނަ މާރިޗު މަހު މުޅި ރާއްޖޭގައިވެސް ފިނިހޫނުމިން އެންމެ މައްޗަށް ދާނެ މިންވަރާއި، ދަށަށް ދާނެ މިންވަރުވެސް، އާންމު މިންވަރަށްވުރެ ކުޑަތަންކޮޅެއް މަތިވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ލަފާކޮށްފިއެވެ.
މެޓުން ވަނީ ކުރިއަށް އޮތް މާރިޗް މަހު ރާއްޖެއަށް ވާރޭ ވެހޭނެ މިންވަރާއި ފިނިހޫނުމިން ހުންނާނެ ގޮތުގެ ލަފާކުރާ ޗާޓުތަކެއް އާންމުކޮށްފައެވެ.
މެޓް އޮފީހުން އާންމުކުރި ޓެމްޕަރޭޗާ މެޕަށް ބަލާއިރު، މުޅި ރާއްޖޭގެ ފިނިހޫނުމިން ހުންނާނީ އާންމު މިންގަނޑަށްވުރެ މަތީގައެވެ. މި މެޕްގައި ރަތް ޝޭޑްތަކުން އާދައިގެ ފިނިހޫނުމިނަށްވުރެ މަތީގައި ހުންނަ މިންވަރު ދައްކައިދޭއިރު، އަޅި ކުލައިގެ ޝޭޑްތަކުން އާދައިގެ ފިނިހޫނުމިން އަދި ނޫ ޝޭޑްތަކުން އަންގައިދެނީ އާދައިގެ ފިނިހޫނުމިނަށް ވުރެ ދަށް މިންވަރެކެވެ.

ވާރޭވެހޭނެ މިންވަރަށް ބަލާއިރު، މެޓް އޮފީހުން ލަފާކުރަނީ އުތުރުގެ އަތޮޅުތަކަށް ވާރޭވެހޭނީ އާންމުކޮށް ވާރޭވެހޭ މިންވަރަށް ނުވަތަ އެއަށްވުރެ މަދުން ކަމަށެވެ. ނަމަވެސް މެދު ރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ވާރޭވެހޭނެ ކަމަށް ބެލެވެނީ އާންމުކޮށް ވާރޭވެހޭ މިންވަރަށް ވުރެ މަދުން ކަމަށް އެ އިދާރާއިން ބުންޏެވެ.
ވިއްސާރައިގެ މެޕްގައި ކުލަތައް ބޭނުންކޮށްފައިވާ ގޮތް ތަފްސީލުކޮށްދެމުން މެޓް އޮފީހުން ބުނީ ، ފެހި ޝޭޑްތަކުން އާދައިގެ ހާލަތަށްވުރެ މަތިކަން ރަމްޒުކޮށްދޭ ކަމަށެވެ.
އަދި އަޅި ކުލައިގެ ޝޭޑްތަކުން އާދައިގެ ހާލަތްތައް ރަމްޒުކޮށްދޭއިރު، އޮރެންޖް ޝޭޑްތަކުން ރަމްޒުކޮށްދެނީ އާދައިގެ ހާލަތަށްވުރެ ދަށް މިންވަރެއް ކަމަށް މެޓުން ފާހަގަކުރިއެވެ.



