ޕޮލެންޑުގައި 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާ ކުރުމުގެ ވިސްނުން އެ ގައުމުގެ ސަރުކާރުން ގެންގުޅެން ފަށައިފިއެވެ.
ޕޮލެންޑްގެ އެޑިއުކޭޝަން މިނިސްޓަރު ބާބަރާ ނޮވާކާ ބްލޫމްބާގް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އެ ގައުމުގައި 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް އާ ގާނޫނެއް ތައާރަފު ކުރާނެ ކަމަށެވެ.
މިނިސްޓަރު ނޮވާކާ ވިދާޅުވި ގޮތުގައި، މި ގާނޫނުގެ ދަށުން އުމުރު ކަށަވަރު ކުރުމުގެ ޒިންމާ އުފުލަންޖެހޭނީ ސޯޝަލް މީޑިއާގެ މަންސަތަކުންނެވެ. އަދި މި ޒިންމާ އަދާނުކުރާ ކުންފުނިތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ވެރިކަންކުރާ ސިވިކް ކޯލިޝަނުން މިއަދު މިކަމާ ގުޅޭ ޑްރާފްޓް އައުޓްލައިން ހުށަހަޅާނެ ކަމަށާއި، ކުޑަކުދިންނަށް ބޭނުން ކުރެވޭ ގޮތަށް ހުންނަ މަންސަތައް ޖޫރިމަނާ ކުރަން ވެސް ވަނީ ނިންމާފައެވެ.
މި ގާނޫނަށް އަމަލު ކުރަން ފަށާނެ ކަމަށް ބެލެވެނީ 2027 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.
ސޯޝަލް މީޑިއާ ކުންފުނިތަކުން ދައްކަން ޖެހޭ ޖޫރިމަނާގެ އަދަދުތަކާ ގުޅޭގޮތުން މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ސޯޝަލް މީޑިއާގެ މަންސަތަކަކީ ކުޑަކުދިންނަށް ގެއްލުން ހުރި ހިދުމަތެއް ކަމަށް ބުނެ ޔޫރަޕްގެ ބައެއް އެހެން ގައުމުތަކުން ވެސް އަންނަނީ މިފަދަ ފިޔަވަޅުތަކެއް އެޅުމަށް ތައްޔާރުވަމުންނެވެ.
ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުމުގެ ފިޔަވަޅު އެންމެ ފުރަތަމަ އެޅި ގައުމަކީ އޮސްޓްރޭލިއާއެވެ. އެ ގައުމުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މިފަދަ ގާނޫނުތައް ތަންފީޒު ކުރަން ފެށުމާއެކު، ދުނިޔޭގެ އެކި ގައުމުތަކުގައި މިކަމަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.


