ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރާއި އެމްޑީޕީގެ އިތުރު ދެ މެންބަރެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅައިފިއެވެ.
މައުރޫފާއި އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރެއް ކަމަށްވާ ފާތިމަތު ޒަހިއްޔާ (ޒާޔާ) ގެ އިތުރުން ނ. ހޮޅުދޫ، މާފޮޅޭވިލާ / އަބްދުއްސަލާމްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް އެ މައްސަލަ ނިމުނު ގޮތުގެ ލިޔުމުގައި ފުލުހުން ބުނެފައިވެއެވެ.
އެ މައްސަލަ ނިމުނު ކަމަށް އެ ލިޔުމުގައި ބުނެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
މެންބަރު މައުރޫފާއި ޒާޔާ އަދި ސަލާމްގެ މައްޗަށް ވެސް ދައުވާ ކޮށްދޭން ފުލުހުން އެދުނީ، އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހުގެ ރޭ، މާލޭގެ އެކި ސަރަހައްދުގެ މަގުތަކަށް އެއްވެ، މުޒާހަރާކޮށް އަދި އާންމު ދަތުރުފަތުރަށާއި އާންމު ވިޔަފާރިތަކަށް ދަތިވާނެހެން ހަރަކާތްތެރިވެ، ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއަޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފައިވާތީ ކަމަށް މައްސަލަ ނިމުނު ގޮތުގެ ލިޔުމުގައިވެއެވެ.
އެމްޑީޕީން މާލޭގައި ކުރި އެ މުޒާހަރާއާ ގުޅިގެން މެންބަރު މައުރޫފާއި ޒާޔާ އަދި ސަލާމްގެ އިތުރުން އެހެން ބަޔަކު ވެސް އެ ރޭ ހައްޔަރުކުރިއެވެ.
މެންބަރު މައުރޫފު މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ވެސް ހައްޔަރުކުރި އެވެ. އެއީ ދައުލަތުގެ މަސްކުންފުނި މިފްކޯ އަށް ބޮޑުކަންނެލި ގަންނަން ޑިމާންޑުކޮށް، ބޮޑުކަންނެލީގެ މަސްވެރިން ކުރި އިހުތިޖާޖާ ގުޅިގެންނެވެ.
މައުރޫފަކީ މަސްވެރިންގެ ޔޫނިއަންގެ އެއް ފައުންޑަރު އަދި އެ ޖަމިއްޔާގެ ޖެނެރަލް ސެކްރެޓަރީއެވެ.



