ޖަލަށް ވަންނަ މީހުން ސްކޭންކުރުމަށްޓަކައި މާފުށީ ޖަލުގައި ފުރަތަމަ ފަހަރަށް ބޮޑީ ސްކޭނަރެއް ބަހައްޓައި، އެ މެޝިންގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.
މި ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ހޯމް މިނިސްޓަރު ޢަލީ އިޙުސާނެވެ.
ސަރުކާރުން، ހޯމް މިނިސްޓްރީ މެދުވެރިކޮށް ފޯރުކޮށްދިން މި މެޝިނަކީ ޖަލުގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ބެހެއްޓި، އެންމެ ފަހުގެ ޒަމާނީ ބޮޑީ ސްކޭނިންގ މެޝިނެކެވެ. ”ސޮޓަރ އާރް.އެސް ބޮޑީ ސްކޭނަރ“ މޮޑެލްގެ މި މެޝިނަކީ އިންސާނާގެ ހަށިގަނޑުގެ އެތެރޭގައި އެއްޗެހި ފޮރުވައިގެން ޖަލަށް އެތެރެކުރަން އުޅޭ ޙާލަތްތަކުގައި އެކަން ދެނެގަތުމުގެ ޤާބިލުކަން ލިބިފައިވާ މެޝިނެކެވެ.

މީގެ އެހީގައި މަސްތުވާތަކެއްޗާއި، އެކި ބާވަތުގެ އާލާތްތަކުގެ އިތުރުން ފޯނު ފަދަ ތަކެތިވެސް ފަސޭހަކަމާއެކު ދެނެގަނެވޭނެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި މެޝިން ބޭނުންކޮށްގެން ޖަލުގެ ގައިދީންނާއި، މުވައްޒަފުންގެ އިތުރުން އެކި ބޭނުންތަކުގައި ޖަލަށް ވަންނަ އެންމެހާ ފަރާތްތައް ސްކޭން ކުރަމުންދާނެއެވެ. މިއީ ޖަލުގެ ތެރެއިން ހިންގާ ސްކޭމް ކޯލްތަކާއި އެހެނިހެން ޤާނޫނާ ޚިލާފު ކަންކަން ހުއްޓުވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ޖަލަށް ވަންނައިރު ސްކޭން ނުކުރެވޭ މައްސަލައިގައި ހޯމް މިނިސްޓަރު މީގެކުރިން ރައްޔިތުންގެ މަޖިލީހުގައިވެސް ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ. މިނިސްޓަރު އިޙުސާން އޭރު ވިދާޅުވެފައިވަނީ ޖަލަށް ފުލް ބޮޑީ ސްކޭން މެޝިނެއް ހޯދުމުން، ޖަލަށް މަނާ ތަކެތި އެތެރެކުރާ މައްސަލައަށް ދާއިމީ ޙައްލެއް ލިބޭނެ ކަމަށެވެ.

މާފުށީ ޖަލު ވުޖޫދުކޮށް، 1998 ވަނަ އަހަރުން ފަށައިގެން އެ ޖަލުގައި އަންނަނީ ގައިދީން ބަލަހައްޓަމުންނެވެ.



