ތ. ވިލުފުށީ އެއާޕޯޓް ތަރައްގީ ކުރުމަށްޓަކައި ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އަންނަ ހަފުތާގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
ވިލުފުށީ ބިން ހިއްކުމުގެ މަޝްރޫޢު ރަސްމީކޮށް އިފްތިތާޙުކޮށްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
މި މަސައްކަތަށް ބޭނުންވާ ޑްރެޖަރު ގެންގޮސް، އަމަލީ ގޮތުން ބިން ހިއްކަން ފަށާފައިވަނީ ނޮވެންބަރު މަހުގެ 14 ވަނަ ދުވަހުއެވެ.
އެމްއޭސީއެލުން ބުނި ގޮތުގައި، މި މަޝްރޫޢުގެ ދަށުން ޖުމްލަ 81 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެ ކުންފުނިން ބުނީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމަށް ވެލި އެޅުމުގެ ހުރިހާ މަސައްކަތްތަކެއް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ނިންމާލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
މި މަސައްކަތުގައި ބޭނުންކުރަމުންދަނީ 11,300 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުންނަ ”ފިލިއްޕޯ ބްރޫނެލްޝީ“ ނަމަކަށް ކިޔާ ބޮޑު ޑްރެޖަރެކެވެ. މި ޑްރެޖަރުގެ އެހީގައި ބިން ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާކަން އެމްއޭސީއެލުން ފާހަގަކުރެއެވެ.
ވިލުފުށީގައި ތަރައްގީ ކުރާ މި އެއާޕޯޓަކީ 1800 މީޓަރުގެ ދިގު ރަންވޭއަކާއެކު ހަދާ އެއާޕޯޓެކެވެ. މި މަޝްރޫޢުގެ ދަށުން ރަންވޭގެ އިތުރުން، ޓާމިނަލް ބިލްޑިންގާއި، ފަޔަރ ބިލްޑިންގް އަދި އެއާޕޯޓަކަށް ބޭނުންވާނެ އެހެނިހެން ހުރިހާ ވަސީލަތްތަކެއް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.



