އީރާނުން ފޮނުވާލި ހަމަލާއެއްގައި (ޔޫއޭއީ) ގެ ވެރިރަށް އަބޫދާބީން މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ، އިސްރާއީލާއި އީރާނާ ދެމެދު ހަމަލާތައް ބަދަލުކުރަމުންދާ ދަނޑިވަޅެއްގައެވެ.
އެމެރިކާގެ އެހީތެރިކަމާއެކު އިސްރާއީލުން އީރާނަށް ހަމަލާތައް ދޭން ފެށީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެގޮތުން އީރާނުގެ ވެރިރަށް، ތެހެރާން ހިމެނޭހެން އެކި ސިޓީތަކަށް އިސްރާއީލުން ވަނީ ވައިގެ ހަމަލާތައް ދީފައެވެ. މި ހަމަލާތަކާ ގުޅިގެން އީރާނުން ވެސް ވަނީ ރައްދުގައި ޑްރޯނާއި މިސައިލްތައް ފޮނުވާލާފައެވެ.
އީރާނުން ސީދާ އިސްރާއީލަށް ބައެއް ހަމަލާތައް ފޮނުވާލުމަށްފަހު، ދެން ހަމަލާތައް އަމާޒުކުރަން ފެށީ މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން އެމެރިކާގެ އަސްކަރީ ވައިގެ މަރުކަޒުތައް ގާއިމުކޮށްފައިވާ ގައުމުތަކަށެވެ. އޭގެ ތެރޭގައި ޤަތަރު، ކުވެއިތް، ޔޫއޭއީ އަދި ބަހްރޭންހިމެނެއެވެ.
ޔޫއޭއީގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުން ފޮނުވާލި ހަމަލާތައް ދިފާއީ ނިޒާމުން ހުއްޓުވާލި ނަމަވެސް، އެގައުމުން މީހަކު ވަނީ މަރުވެފައެވެ. އޭނާ މަރުވެފައިވަނީ ހުއްޓުވި މިސައިލެއްގެ ބައިތަކެއް އާންމުން ތިބި ސަރަހައްދަކަށް ވެއްޓިގެންކަމަށް ރިޕޯޓްތަކުން ބުނެއެވެ.
އީރާނުން އަބޫދާބީއަށް ހަމަލާދީފައިވަނީ އެގައުމުގައި ހުންނަ އެމެރިކާގެ އަލް-ދަފްރާ ވައިގެ އަސްކަރީ މަރުކަޒަށް އަމާޒުކޮށްގެންނެވެ. މި ހަމަލާތަކުގައި އަބޫދާބީގެ އެކި ސަރަހައްދުތަކުގައި ބާރުގަދަ ގޮވުންތަކުގެ އަޑު އިވެމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.




