އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަވެއްޖެ ކަމަށް ބުނެ ސޯޝަލް މީޑިއާގައާއި އިސްރާއީލުގެ ބައެއް މީޑިއާތަކުގައި ފަތުރަމުންދާ ހަބަރުތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ހަބަރުތަކެއް ކަމަށް ކަމާބެހޭ މަސްދަރުތަކުން ހާމަކޮށްފިއެވެ.
މި ހަބަރުތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއްކަން މިހާރު ވަނީ ކަށަވަރުވެފައެވެ.
މި ދޮގު ހަބަރުތައް ފެތުރެން ފަށާފައިވަނީ އިސްރާއީލުން އީރާނުގެ ވެރިރަށް ތެހެރާނަށް އަމާޒުކޮށް ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެން އުފެދުނު ނުތަނަވަސްކަމުގެ ތެރޭގައެވެ. މި ހަމަލާތަކުގެ ތެރޭގައި ހާމަނާއީ ހުންނަވާ ރައްކާތެރި މަރުކަޒަށްވެސް ހަމަލާތަކެއް އަމާޒުވެފައިވާ ކަމަށް ބައެއް ރިޕޯޓުތައް ބުނި ނަމަވެސް، ހަމަނާއީ އަވަހާރަވެއްޖެ ކަމަށް އިތުބާރު ހުރި އެއްވެސް މަސްދަރަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހާމަނާއީގެ ސިއްހީ ހާލުކޮޅާ ގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ފަތުރަމުންދަނީ މަސްރަހު އިތުރަށް ގޯސްކޮށް، ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދުމުގެ މަގްސަދުގައެވެ.
އީރާނުގެ ރަސްމީ އިދާރާތަކުން ވަނީ ރޫހާނީ ލީޑަރު ހުންނެވީ ގަދަވެ ސަލާމަތުންކަން ޔަގީންކޮށްދީފައެވެ.
އީރާނުގެ މަސްއޫލުވެރިން ހާމަކުރެއްވި ގޮތުގައި، ހަމަނާއީ ގެންދަވަނީ ގައުމުގެ ހާލަތު ވަރަށް ގާތުން ބައްލަވައި، އިސްރާއީލުގެ އުދުވާނީ ހަމަލާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން ސަރުކާރާއި އަސްކަރިއްޔާއަށް އިރުޝާދު ދެއްވަމުންނެވެ.




