މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން އެ ސަރަހައްދުގެ ބޮޑު ބައެއްގެ ވައިގެ ސަރަހައްދު ބަންދުކުރާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލް އަދި ޑިޕާޗާ ހިމެނޭހެން 23 ފްލައިޓެއް މިއަދު ކެންސަލް ކޮށްފިއެވެ.
ވީއައިއޭގެ ކެންސަލްކުރި ފްލައިޓްތަކުގެ ތެރޭގައި ހިމެނެނީ މެދު އިރުމަތީގެ ގައުމުތަކުގެ ސިޓީތަކުން ރާއްޖެ އަންނަ އެމިރޭޓްސް، ފްލައި ދުބާއީ، ގަލްފް އެއާ، އެއާ އަރަބިއާ، އެތިހާދު އަދި ގަތަރު އެއާވޭސްގެ ފްލައިޓްތަކެވެ.
ހަނގުރާމައާ ގުޅިގެން އިއްޔެ ވެސް ގިނަ އަދަދެއްގެ ފްލައިޓްތައް ކެންސަލްވެ، 1،400 ޓޫރިސްޓުންނަށް ނުފުރި އެއާޕޯޓުގައި ތާށިވިއެވެ.
ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް ރޭގައި އެއާޕޯޓަށް ވަޑައިގެން އެތަނުގެ ހާލަތު ބެއްލެވުމަށް ފަހު ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ނުފުރި ތިބި ޓޫރިސްޓުންނަށް އެއާޕޯޓުގައި ފަސޭހައިން ތިބެވޭނެ އިންތިޒާމުތަކެއް އެމްއޭސީއެލް މެދުވެރިކޮށް ހަމަޖައްސާފައިވާ ކަމަށެވެ.
އެގޮތުން ޓޫރިސްޓުން ނިދަން ތިބެން ސްލީޕިން ބޭގައި ރާޖަގަނޑު ކަހަލަ އެއްޗެހި އެމްއޭސީލުން ރޭ ވަނީ ހަމަޖައްސައިދީފައެވެ.
އެއާޕޯޓުގައި ތާށިވި ޓޫރިސްޓުން ރޭގައި މަޑުކޮށްގެން ތިބީ ކުރީގެ ޑޮމެސްޓިކް ޓާމިނަލާއި ޑޮމެސްޓިކް ޓާމިނަލްގެ ކުރިމަތީގައި ހުންނަ ރެސްޓޯރެންޓުގެ ތިރީގައި ހުންނަ އޭސީ ސަރަހައްދުގައެވެ.



