އިންތިހާބުތައް އޮންނަ ދުވަސްތައް ގިނަވެ، ކެމްޕެއިން ދުވަސްތައް ގިނަވުމުން ގައުމުގެ އެކި މުޖުތަމައުތަކުގެ އަމާންކަން ގެއްލިގެންދާ ކަމަށް، ވެރިކަންކުރާ ޕީއެންސީގެ ނައިބު ރައީސް އަދި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައި، މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު 1 ޑިސެމްބަރު 2028ގައި ހަމަވާ ގޮތަށް ގާނޫނުއަސާސީ އިސްލާހުކޮށްފައެވެ.
މިދިޔަ ޖެނުއަރީ މަހުގެ 16ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނެރުއްވި ގަރާރަކުން ނިންމެވީ އަންނަ 4 އޭޕްރީލްގައި ފެންނަ ނުފެންނަ ވޯޓު ނެގުމަށެވެ. އެއީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ވެސް އޮންނަ ދުވަހެވެ.
މީގެ އިދިކޮޅު އެމްޑީޕީން ވަނީ ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް ކެމްޕެއިނެއް ފަށައިފަ އެވެ. ރައްޔިތުންގެ ކައިރިއަށް ސިޔާސީ ވެރިންނާއި ޕާޓީތަކުން އަންނަން ޖެހޭ ދުވަސްތައް މަދުކުރާކަށް ނުޖެހޭ ކަމަށް އެމްޑީޕީން ދަނީ ބުނަމުންނެވެ.
ވެރިކަންކުރާ ޕީއެންސީން މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވީ، އެމްޑީޕީން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދިނުމަށާއި ޕީއެންސީން ދެ އިންތިހާބު އެއްކޮށްލަން ގޮވާލާ ކެމްޕެއިން ފެށިކަން ހާމަކުރަން ވެގެންނެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ އިންތިހާބުތައް ވަކިން ބާއްވާތީ ފުރަތަމަ ކަމަކަށް ރިޔާސީ އިންތިހާބު ފިޔަވައި އެހެން އިންތިހާބުތަކުގައި މީހުން ވޯޓުލާން ނުކުންނަ ވަރު މަދުވާ ކަމަށެވެ.
މައި ދެ އިންތިހާބު އެކުގައި ބޭއްވުމުން ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބު ވާނީ މިހާރަށް ވުރެ ގިނަ ރައްޔިތުންގެ ވޯޓަކުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.



