އިސްރާއީލާއި އެމެރިކާއާއި ދެކޮޅަށް ބަދަލުހިފުމަކީ އީރާނުގެ ވާޖިބެއް ކަމަށާއި، އެކަން ކުރައްވާނެ ކަމަށް އެގައުމުގެ ރައީސް މައްސޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެއެވެ.
ރައީސް މައްސޫދު މިހެން ވިދާޅުވީ އިސްރާއީލާއި އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތަކުގައި އެގައުމުގެ އިސް ލީޑަރުންތަކެއް އަވަހާރަކޮށްލުމާ ގުޅިގެންނެވެ.
އިސްރާއީލާއި އެމެރިކާއިން އިއްޔެއިން ފެށިގެން އީރާނަށް ދެމުން އަންނަ ހަމަލާތަކުގެ ތެރެއިން، އެގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީވަނީ އަވަހާރަކޮށްލާފައެވެ. ޚާމަނާއީގެ އިތުރުން ވެސް އެގައުމުގެ އިސް އޮފިޝަލުންތަކެއް މި ހަމަލާތަކުގައި އަވަހާރަކޮށްލާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ޖަރީމާތަކާ ގުޅިގެން ވާހަކަދައްކަވަމުން ރައީސް މައްސޫދު ވިދާޅުވީ، އެ ޖަރީމާ ހިންގުމަށް އަމުރު ކުރި ފަރާތްތަކުގެ ކިބައިން އިންސާފު ހޯދައި، ބަދަލު ހިފުމަކީ އީރާނުގެ މަސްއޫލިއްޔަތަކާއި ވާޖިބެއް ކަމަށާއި، އެކަން ކުރުމުގައި އީރާނުގެ ހުރިހާ ބާރެއް ބޭނުން ކުރާނެ ކަމަށެވެ.
މީގެ ކުރިން ވެސް އީރާނުން ވަނީ މި އަމަލުތަކަށް ބަދަލުހިފާނެ ކަމަށް ބުނެ، ދުވަހަކު ވެސް ނުދޭ ވަރުގެ ހަރުކަށި އިންޒާރެއް އިސްރާއީލަށާއި އެމެރިކާއަށް ދީފައެވެ.
މައްސޫދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޚާމަނާއީ އަވަހާރަކޮށްލުމަކީ މުސްލިމު ގައުމުތަކާއި ދެކޮޅަށް ހަނގުރާމަ އިއުލާނު ކުރުމެވެ.




