”ބިންވެރިޔާ“ ސްކީމުން ގޯތި ލިބި އޭގެ އެގްރިމަންޓް ކަމަށް ފޯޖުކޮށްފައިވާ ކަމަށް ބެލެވޭ އެއްބަސްވުމެއް ހުށަހެޅިކަމުގެ ތުހުމަތުގައި އެމްޑަބްލިއުއެސްސީގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދާއި އިތުރު 11 މީހެއްގެ މައްޗަށް ދައުވާ ކުރަން ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅައިފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ބުނީ ”ބިންވެރިޔާ“ ސްކީމުން ގޯތި ނުލިބޭ ބަޔަކު، ގޯތި ލިބިފައިވާކަމަށް ދައްކައި ސައްހަ ނޫން ލިޔެކިޔުން ހަދައިގެން އެޗްޑީސީއަށް ހުށަހަޅާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދައުވާ ކުރަން ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލަ ފެންމަތިވި އިރު އެޗްޑީސީގެ އެމްޑީގެ މަގާމުގައި ހުންނެވި އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ، ފަޒީލްގެ މައްޗަށް ކުރަނީ އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާ އެވެ.
ގާނޫނުލް އުގޫބާތުގެ 310ގެ (ހ)ގެ ދަށުން އެ ދައުވާ ކުރަނީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ލިބިފައިވާކަން ދައްކައި އެ ގޯތީގެ ވަށާފާރު ރޭނުމުގެ މަސައްކަތްކުރުމުގެ ހުއްދަ ހޯދުމަށް އެ ގޯތީގެ ސައްހަނޫން އެއްބަސްވުމާއި ސައްހަނޫން ރަޖިސްޓްރީ އެެޗްޑީސީއަށް ހުށަހަޅާފައިވާތީ އެވެ.
ފަޒީލްގެ އިތުރުން އިތުރު ބައެއްގެ މައްޗަށް ވެސް މި ދައުވާ ކުރުމަށް ވަނީ ކޯޓަށް ފޮނުވައިފަ އެވެ.
އެއީ:
1- މަރިޔަމް ސާއީ، ހަޒާރުމާގެ/ސ. ހިތަދޫ
2- އީމާ ވަހީދު، ދިލް/ދޫޑިގަން، ފުވައްމުލައް
3- އައިޝަތު މައުރޫފާ، ދަފްތަރު ނަންބަރު ރސ.9044
4- މުހައްމަދު އާދަމް، ހުޅުމާލެ ފްލެޓު 46-ޖީ-02
5- އަބްދުލްމަޖީދު މާހިރު، ޖަމީލާ/ހއ. ދިއްދޫ
6- ހުސެން ޒާހިރު ޒައިނު، މ. ވެސްޓްކޯސްޓް
7- އަޝްހަދު އަލީ، މ. ފަޅުމަތީގެ
8- އަހުމަދު އަލީ، މ. ފަޅުމަތީގެ
މީގެ އިތުރުން މި މައްސަލާގައި ސައްހަނޫން ލިޔުމެއް އުފެއްދުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އަރުޝަދު އަލީ، މ. ފަޅުމަތީގޭގެ މައްޗަށް ކުރުމަށް ވަނީ ކޯޓަށް ފޮނުވައިފަ އެވެ.
އޭނާގެ މައްޗަށް މި ދައުވާ ކުރަނީ ބިންވެރިޔާ ސްކީމްގެ މަސައްކަތުގައި އުޅެމުންދިޔަ އަހުމަދު މާޒިން، ޑޭޒީމާގެ/ނ. ވެލިދޫއާ ބައިވެރިވެގެން ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ބިމުގެ ހައްގުވެރިންކަމަށް ރަމްޒުކޮށްދޭ ސައްހަނޫން ރަޖިސްޓްރީ އާއި އެއްބަސްވުތަކެއް އުފައްދައިފައިވާތީ މި މައްސަލާގައި ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ކުށުގެ ދައުވާ ދެ މީހެއްގެ މައްޗަށް ކޮށްދިނުމަށް ވެސް ވަނީ ކޯޓަށް ހުށަހަޅައިފަ އެވެ. އެ މީހުންނަކީ:
– އަހުމަދު އަތީގު އަބްދުﷲ، ގ. ޕޫލްބަހާރުއާގެ
– އަހުމަދު މާޒިން، ޑޭޒީމާގެ/ނ. ވެލިދޫ




