ސިނަމާލެ އާއި މާލެހިޔާ ފްލެޓުތައް ބާވެ، ވީރާނާވާން ދޫކޮށްލާފައިވާކަމުގެ ޝަކުވާއާ އެކު، އެ ފްލެޓްތަކުގައި އުޅޭ މީހުންގެ ޖޫރިމަނާ އެއްކޮށް މާފުކޮށްދީ، އެ މީހުންނަށް 1 ލައްކަ ރުފިޔާގެ އިނާޔަތެއް ދޭން ނިންމުމަކީ ރިޝްވަތެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ، ބޯމަތިވެފައިވަނިކޮށް، އެ އިމާރާތްތަކުގައި ދިރިއުޅޭ މީހުންނަށް އިނާޔަތުގެ ގޮތުގައި ފައިސާ ދިނުމަކީ ރިޝްވަތު ކަމަށް ގަބޫލުކުރައްވަންތޯ ރައީސް އަރިހުުން ސުވާލުކޮށްފައެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، އެއީ އެއްވެސް ވަރަަކަަށް ރިޝްވަތެއް ނޫން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެ ފައިސާ ދިނުމަކީ މެނިފެސްޓޯގައި ވެސް ހިމަނާފައިވާ ކަމެއް ކަމަށާއި ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ދުވަސްވަރު ވެސް އެ ވާހަކަ ދައްކަވާފައިވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ 1990ގެ އަހަރުތަކުގައި ސިނަމާލެ 1 ހުޅުވައި މީހުން އުޅެން ފެށި ފަހުން ސިނަމާލެ އަދި މާލެހިޔާގެ ފްލެޓުތައް މަރާމާތުކުރުމަށް ބޮޑު މަސައްކަތެއް ކޮށްފައިނެތް ކަމަށެވެ.
”މި ތަންތަން ހުރީ މީހުންގެ ބޯމައްޗަށް ވެއްޓޭ ހިސާބުގައި. އެހެންވީމާ އަޅުގަނޑު ރިޔާސީ އިންތިހާބުގެ ތެރޭގައި އެ ވައުދުވީ“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެ ފައިސާ ދިނުމަށް ކެބިނެޓުން ނިންމީ މި އަހަރުގެ ޖެނުއަރީ މަހު ކަމަށާއި އެ މަސައްކަތް ތަންފީޒު ނުކުރެވި އޮތީ މާލޭ ސިޓީ ކައުންސިލުގެ އެއްބާރުލުން ނުލިބިގެން ކަމަށެވެ.



