ރާއްޖެއިން މިއަހަރު ދައްކަން ޖެހޭ އެންމެ ބޮޑު ބޭރުގެ ދަރަނި 500 މިލިއަން ޑޮލަރުގެ ސްކޫކް ވަގުތުން ވަގުތަށް ދައްކަން ޖެހިއްޖެ ނަމަވެސްއެ ފައިސާ ރާއްޖެއަށް މިއަދު ވެސް ދެއްކިދާނެ ކަމަށާއި އެކަމަށްޓަކައި 650 މިލިއަން ޑޮލަރު ރައްކާކޮށްފައި އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި އެމަނިކުފާނު މިހާރު ކުރިއަށް ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުޢިއްޒު ވިދާޅުވީ 8 އެޕްރީލް ވަނަ ދުވަހު ރާއްޖެއިން ސްކޫކަށް ދައްކަން ޖެހޭ ފައިސާ އެކީ ދައްކާ ހަލާސްކުރާނެ ކަމަށެވެ.
”އެ ތާރީހުގައި ފައިސާ ދައްކަން ރައްކާކޮށްފައި އެބަހުރި 650 މިލިއަން ޑޮލަރު. އެހެންވީމާ، 500 މިލިއަން ޑޮލަރުގެ ސްކޫކް ދައްކާފައި 150 މިލިއަން ޑޮލަރަށް ވުރެ ގިނައިން ހުންނާނެ،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ ސްކޫކް ދައްކަން އެއްކޮށްފައިވާ ކަމަށް ވިދާޅުވި 650 މިލިއަން ޑޮލަރުގެ ތަފްސީލް ވެސް ދެއްވައިފައެވެ. އެއީ:
° އެސްޑީއެފްގައި – 320 މިލިއަން ޑޮލަރު
° ބޭނުންކުރެވޭ ރިޒާވްގައި – 330 މިލިއަން ޑޮލަރު
”8 އެޕްރީލްއަށް އެ ފައިސާ އަޅުގަނޑުމެން ދައްކާނަން. އަޅުގަނޑުމެން މިވަނީ މިއަދުން މިއަދަށް ވެސް މިހާރު ވެސް ސްކޫކް ދެއްކޭ ވަރަށް ތައްޔާރުވެފައި. ހަމަ އެއްވެސް ވަރެއްގެ ކަންބޮޑުވުމެއް ނެތް. މިއަދު މިއަދަށް ވެސް ސްކޫކް ދެއްކޭނެ“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ރާއްޖޭގެ ޖުމްލަ ރިޒާވްގައި މިހާރު 1.27 ބިލިއަން ޑޮލަރު އެބަހުރި ކަމަށާއި މިއީ ރެކޯޑެއް ކަމަށެވެ.




