ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް އަދި އެ ކުދިންގެ ބަރަހަނާ މަންޒަރު ވީޑިއޯކޮށް، ނުފޫޒު ގަދަ މީހުންނަށް އެ ކުދިން ވިއްކި ސެކްސް ޓްރެފިކަރު، އެމެރިކާގެ ޖެފްރީ އެޕްސްޓީންއާ ގާތް ގުޅުންތަކެއް ބޭއްވި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ވަހީދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސްޕެޝަލް އެންވޯއީގެ މަގާމުން އިސްތިފާދެއްވީ އެމަނިކުފާނު އަންގަވައިގެން ކަމަށް ރައީސް މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެޕްސްޓީންއާ ގުޅުން ބަދަހިކުރިކަން އާންމުވުމުން ފާޑުކިޔުންތައް ކުރިމަތިވި ވަހީދު، ރައީސްގެ އެޑްވައިޒަރުގެ މަގާމުން އިސްތިއުފާދެއްވީ މިދިޔަ ފެބްރުއަރީ މަހުގެ 3 ގައެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިޔަކު ވަނީ އެ މައްސަލާގައި ވަހީދާ މެދު ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅާވަނީ ކީއްވެތޯ ރައީސްއާ ސުވާލުކޮށްފަ އެވެ.
”އަޅުގަނޑަށް ތިކަން އެނގުނު ހިސާބުން އަޅުގަނޑު ވަހީދަށް ދެންނެވީ އިސްތިއުފާ ދިނުމަށް. އެހެންވެ އިސްތިއުފާ ދެއްވީ،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އެޕްސްޓީންގެ މެއިލްތައް ހިމެނޭ ފައިލްތައް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އާންމުކޮށްފައިވާއިރު، ވަހީދު އެޕްސްޓީނަށް ފޮނުއްވި ބައެއް މެއިލްތައް ސޯޝަލް މީޑިއާގައި އާންމުވުމުން އެ މަނިކުފާނުގެ އިސްތިއުފާއަށް އާންމުން ގޮވާލި އެވެ.
އެއިން ފާހަގަކޮށްލެވޭ އެއް ކަމަކީ ޓޫރިޒަމްގެ މަޝްރޫއަކާ ގުޅޭ ގޮތުން ވަހީދު ފޮނުއްވި މެއިލްތަކެވެ.
އެގޮތުން ވަހީދު ފޮނުއްވި އެއް މެއިލްގައި ވަނީ އިންނަހެރާ މަޝްރޫއަކީ ވަރަށް ބޮޑު މަޝްރޫއެއް ކަމަށާއި، އެ ކަމުގައި އެޕްސްޓީނަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާލަން ބޭނުންވާ ކަމަށެވެ. އެހެން މެއިލްއެއްގައިވަނީ، ފުއްގިރި އަދި އިންނަހެރާ މަޝްރޫއުގެ އަދާހަމަތަކެވެ. އަދި ފުއްގިރި ތަރައްގީކުރަން ބޭނުންވަނީ ވީއައިޕީ މީހުންނަށް ހާއްސަކޮށްގެން އެޕްސްޓީންއާ ގުޅިގެން ކަމަށާއި މެދުއިރުމައްޗާއި ރަޝިއާ ވިޔަފާރިވެރިންނާއެކު މަސައްކަތްކޮށްގެން އެ ރަށް މެނޭޖު ކުރެވޭނެ ކަމަށް ވެސް ވަހީދު ވިދާޅުވެފައިވެއެވެ.
މީގެއިތުރުން އިންނަހެރާ މަޝްރޫއަށް ސިންގަޕޫރުގެ ވިޔަފާރިއަކުން ހުށަހެޅުމެއް އޮތް ކަމާއި ނަމަވެސް ހުށަހަޅަނީ ދިވެހި ކުންފުންޏަށް އެންމެ %10 ދިނުމަށް، ރާއްޖެ ޒިޔާރަތްކޮށްގެން އެކަމަށް އިތުރު ގޮތްތަކެއް ހޯދުމަށް ކަމަށް ވެސް ވަހީދު ހުށަހެޅުއްވިއެވެ.



