މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރުގެ ނިޒާމަށް މިވަގުތު ކުރިމަތިވެފައިވާ ބުރޫއެރުންތަކާއެކު. ފަތުރުވެރިންނަށް ދޫކޮށްފައިވާ ވިސާގެ މުއްދަތު އިތުރުކުރުމަށް ނިންމާފައިވާ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފިއެވެ.
އިމިގްރޭޝަނުން މިއަދު ބުނީ މެދުއިރުމަތީގެ ހާލަތާ ގުޅިގެން ފްލައިޓުތައް ކެންސަލްވެ، ފަތުރުވެރިންނަށް ފުރޭނެ އިންތިޒާމެއް ނެތުމުގެ ސަބަބުން އެ ފަތުރުވެރިންގެ ވިސާގެ މުއްދަތު އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމަށް ބުރޫއަރާ، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ބޮޑު އިންސައްތައެއް އުފުލާ އެއާލައިންތަކުގެ ދަތުރުތައް ވަނީ ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ.
އިމިގްރޭޝަނުން ބުނީ މިވަގުތު ރާއްޖޭގައި ތިބި ބައެއް ފަތުރުވެރިންނަށް ވިސާގެ މުއްދަތު ހަމަވުމުގެ ކުރިން ފުރޭނެ އިންތިޒާމެއް ނެތުމުން، އެ ފަރާތްތަކުގެ ޓޫރިސްޓު ވިސާގެ މުއްދަތު އިތުރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެެ.
ހަނގުރާމައިގެ ސަބަބުން، ގަލްފް ސަރަހައްދުގެ ގައުމުތަކުން ރާއްޖެއަށް މިއަދު އޮޕަރޭޓުކުރަން އޮތް 17 ފްލައިޓެއް ވަނީ ކެންސަލްވެފަ އެވެ. އިއްޔެ ވެސް 19 ފްލައިޓެއް ކެންސަލްވި އެވެ. ފްލައިޓުތައް ކެންސަލްވުމުގެ ސަބަބުން ރާއްޖޭން ފުރަންތިބި 4،000އަށް ވުރެ ގިނަ ފަތުރުވެރިންނަށް ވަނީ އަސަރުކޮށްފައެވެ.




