ކުދި އާބާދީތަކުގެ ކައުންސިލް އިދާރާތަކުގައި މަސައްކަތް ކުރާނެ އިދާރީ މުވައްޒަފުން ނުލިބުމުގެ މައްސަލަ އިތުރުވަމުން އަންނަ ކަމަށާއި އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ސިޓީސް އެންޑް ލޯކަލް ގަވަމަންޓް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު މިއަދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ، ފަތުރުވެރިކަމާއި އެނޫންވެސް އިޤުތިޞާދީ ފުރުސަތުތައް ފަހިވެފައިވާ ކުދި އާބާދީތަކުގެ ކައުންސިލް އިދާރާތަކުގައި މަސައްކަތް ކުރާނެ އިދާރީ މުވައްޒަފުން ނުލިބުމުގެ މައްސަލަ އިތުރުވަމުން އަންނަ ކަމަށެވެ. އަދި މި މައްސަލަ ހައްލުކުރުމަށް ގުޅުން ހުރި މުއައްސަސާތަކާއެކު މަސައްކަތްކުރައްވަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރަށްރަށުގެ ކައުންސިލްތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން، ކައުންސިލްތަކަށް ބޭނުންވާ އިދާރީ މުވައްޒަފުން ހޯދުމުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނައިރު، ކައުންސިލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވުމަށް ވެސް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.




