އިސްރާއީލާއި އެމެރިކާއިން ދިން ހަމަލާތަކުގައި ލިބުނު ޒަހަމްތަކަށް ފަރުވާދެމުން ދަނިކޮށް، އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ އަނބިކަނބަލުން މަންސޫރޭ ޚޯޖެސްތޭ އަވަހާރަވެއްޖެއެވެ.
އީރާނުގެ ތަސްނީމް ނޫސް އޭޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެކަމަނާ އަވަހާރަވެފައިވަނީ އިސްރާއީލާއި އެމެރިކާގެ އަސްކަރީ ހަމަލާތަކުގައި ލިބުނު ސީރިއަސް ޒަހަމްތަކަށް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.
އާޔަތުﷲ އަލީ ޚާމަނާއީގެ އަނބިކަނބަލުންނަކީ އާންމުކޮށް މީޑިއާގެ ސަމާލުކަމަށް ވަޑައިނުގަންނަވާ، ވަރަށް އާދައިގެ ދިރިއުޅުމެއް އުޅުއްވި ބޭފުޅެކެވެ. އެކަމަނާ އާއި ޚާމަނާއީ ކައިވެނި ބައްލަވައިގަތީ 1964 ވަނަ އަހަރުގައެވެ. މި ކައިވެންޏަށް ހަ ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ. އެއީ ހަތަރު ފިރިހެން ބޭފުޅުންނާއި ދެ އަންހެން ބޭފުޅުންނެވެ.
އިސްރާއީލުން އީރާނަށް މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް އީރާނުގެ 555 މީހުން މަރާލާފައިވާ ކަމަށް އެގައުމުގެ ކަމާއި ބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ.




