ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރޭގައި ހިނގާ ނުރަނގަޅު ކަންކަމާއި ކޮރަޕްޝަންގެ މައްސަލަތައް ހުއްޓުވުމަށްޓަކައި، އެ ތަންތަނުގެ ހިންގާ ކޮމިޓީ (އެކްސްކޯ) މެންބަރުން މިހާރަށް ވުރެ ބޮޑަށް ހޭލުންތެރިވެ، ޒިންމާދާރުވުމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ރޭގައި އިލްތިމާސް ކުރައްވައިފިއެވެ.
މިނިސްޓަރ ރާފިއު މިހެން ވިދާޅުވެފައިވަނީ، ރާޒުވާ އެސޯސިއޭޝަންގެ ފައިސާއަށް ހިޔާނާތްތެރި ވެފައިވާކަމުގެ ތުހުމަތުތާ ގުޅިގެން އެ މިނިސްޓްރީން މިހާރު ބަލަމުންދާ މައްސަލައާ ބެހޭގޮތުން ސުވާލުކުރުމުންނެވެ.
އެގޮތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ބެހޭގޮތުން ސުވާލު ކުރުމުން މިނިސްޓަރު ރާފިއު ވިދާޅުވީ އެ މައްސަލަ މިހާރު ތަހުގީގީ މަރުހަލާއެއްގައި ވާތީ ސީދާ އެ އެސޯސިއޭޝަންގެ އެ މައްސަލައާ ބެހޭގޮތުން މިވަގުތު އެއްޗެއް ބުނެވެން ނެތް ކަމަށެވެ.
އެއަށްފަހު މިނިސްޓަރު ވިދާޅުވީ އެފަދަ މައްސަލަތައް ކުޑަކުރުމަށްޓަކައި އެސޯސިއޭޝަންތަކުގެ އެކްސްކޯ މެންބަރުންނަށް ޒިންމާތަކެއް އެބައޮތް ކަމަށެވެ.
”އެކްސްކޯ މެންބަރުންނަށް ވެސް އަޅުގަނޑު ދަންނަވަން އޮތީ މާބޮޑަށް ގޯސްވަންދެން ނުތިއްބަވާށޭ. ރެގިއުލާކޮށް ޖަލްސާތައް ބާއްވައި ވާނުވާ ބެއްލެވުން އެއީ ވަރަށް މުހިންމު ކަމެކޭ (ހާއްސަކޮށް) މިހެން ދިމާވާ އެސޯސިއޭޝަންތަކަށް. ހާއްސަކޮށް އެކަހަލަ ކަމެއް އުޅޭ ކަމަށް ވެއްޖެއްޔާ“ ސްޕޯޓްސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ ރާފިއު ވިދާޅުވީ ގިނަ ފަހަރަށް އެފަދަ މައްސަލަތައް އެނގެނީ ކަންކަން ބޮއްސުންލައިގެންދާ ފަހުން ކަމަށެވެ.




