މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލަށް ނުޖެހޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ ބައިނަލްއަގުވާމީ މާކެޓުތަކުގައި އިއްޔެ ތެލުގެ އަގު %25-%30އަށް އުފުލުނު ކަމަށެވެ.
އިކޮނިމިކް މިނިސްޓަރު ވިދާޅުވީ މެދުއިރުމަތީގައި ހަމަނުޖެހުމެއް އުފެދިއްޖެ ނަމަ އަބަދު ވެސް އެންމެ އަވަހަށް އަސަރު ކުރަނީ ތެލުގެ އަގަށް ކަމަށެވެ.
މިހާރުގެ ހާލަތު އޮތް ގޮތުން ތަކެތީގެ އަގަށް ބަދަލު އަންނަމުންދާ ކަމަށާއި ރާއްޖެއިން ފިޔަވަޅުތައް އަޅަނީ އެކަންތަކަށް ވިސްނައިގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
”އިއްޔެ ރައީސް ފާހަގަކުރެއްވި ގޮތަށް އަޅުގަނޑުމެންނަށް އަދި އެއްވެސް ކަންބޮޑުވުމެއް ނެތް. ކުރުކޮށް ދަންނަވާ ނަމަ ތެލަކަށް ނުޖެހޭނެ، އިރާދަކުރެއްވިއްޔާ. އެލްޕީޖީ ވެސް އަދި ތެޔޮ ވެސް ހިމަނައިގެން މި ދެންނެވީ“ މިނިސްޓަރ ސައީދު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ ސައީދު ވިދާޅުވީ ތެޔޮ ރައްކާކުރާނެ ކެޕޭސިޓީ އިތުރު ކުރުމަށް ވެސް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ރާއްޖެ އަންނަ ފަތުރުވެރިންނާއި ރާއްޖޭގައި މަސައްކަތް ކުރާ އާބާދީ ވެސް އިތުރުވަމުން އަންނައިރު އެ ހުރިހާ އެންމެންނަށް ކޭޓާ ކުރެވޭ ވަރަށް ތެލާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



