އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ސުވާލުކުރުމަށް، އުމުރުން 41 އަހަރުގެ އަންހެނަކު ހާޒިރުވާން ފުލުހުން މިއަދު އިއުލާނުކޮށްފިއެވެ.
ފމި މައްސަލައިގެ ތަހުގީގަށް ހާޒިރުކުރަން އިއުލާނުކޮށްފައިވަނީ ތ. ހިރިލަންދޫ، ނާގަލި / ޢާއިޝަތު ނާޛިރާ (41އ) އެވެ.
ފުލުހުން މިގޮތަށް އިއުލާނުކުރީ، އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމުގެ ޗިޓު ރައްދުކުރެވިފައި ނުވާތީއެވެ. އެހެންކަމުން، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން އޭނާ ތަހުގީގަށް ހާޒިރުވުމަށް މިހާރު ވަނީ އާންމުކޮށް އަންގައި އިއުލާނުކޮށްފައެވެ.
ފުލުހުންގެ އިދާރާއިން ހާމަކުރި ގޮތުގައި، ޢާއިޝަތު ނާޛިރާ ހާޒިރުކުރެވެނީ ސްކޭމްގެ މައްސަލައެއްގެ ތަހުގީގުގައި ތުހުމަތުކުރެވޭ ފަރާތެއްގެ ހައިސިއްޔަތުން ސުވާލުކުރުމަށެވެ.
އޭނާ ހާޒިރުވާން ޖެހެނީ ސާޖަންޓް އާދަމް ޙަލީމް ކުރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށެވެ. ހާޒިރުވާންޖެހެނީ މި މަހުގެ 10ވަނަ ދުވަހުގެ 14:00 އަށެވެ.
ސްކޭމް ކުރުމަށްފަހު ފިލައިގެން އުޅުމުގެ މައްސަލަތައް ރާއްޖޭގައި މިހާރު އަންނަނީ ވަރަށް އާންމުވަމުންނެވެ. ގިނައިން މިފަދައިން ކަން ކުރަނީ އޮންލައިންކޮށް އެކި ސްކޭމްތައް ކުރުމަށްފަހުގައެވެ.




