އެމެރިކާއާއި އިސްރާއީލް ގުޅިގެން އީރާނަށް ދެމުން އަންނަ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 700 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.
އީރާނުގެ ރެޑް ކްރެސެންޓުން ބުނިގޮތުގައި، މި ހަނގުރާމައިގައި މިހާތަނަށް އެ ގައުމުން 787 މީހުން ވަނީ މަރުވެފައެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާތަކެއް ދޭން ފަށާފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. އޭގެ ފަހުން ހުއްޓުމެއް ނެތި މިއަދާއި ހަމައަށް ހަމަލާތައް ދެމުން އަންނައިރު، އީރާނުން ވެސް އަންނަނީ ރައްދު ހަމަލާތައް ދެމުންނެވެ. އެގޮތުން އިސްރާއީލުގެ އިތުރުން، މެދުއިރުމަތީގެ ގައުމުތަކުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ވަނީ ސީދާ ހަމަލާތައް އަމާޒުކޮށްފައެވެ.
މި ހަމަލާތަކުގެ ސަބަބުން އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް އީރާނުން ބުނެއެވެ.
ރިޕޯޓްތަކުން ބުނާ ގޮތުގައި އީރާނުން މިހާތަނަށް އެންމެ ގިނަ ހަމަލާތައް ފޮނުވާލާފައިވަނީ ކުވެއިތަށެވެ. މީގެ އިތުރުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، އޮމާން އަދި ސައުދީ އަރަބިއްޔާ ފަދަ ގައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށްވެސް އީރާނުގެ ހަމަލާތައް ވަނީ އަމާޒުވެފައެވެ.



