ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި ހުންނަ އެމެރިކާގެ އެމްބަސީއަށް އީރާނުން ޑްރޯން ޙަމަލާތަކެއް ދީފިއެވެ.
މި ޙަމަލާގައި އީރާނުން ދެ އަސްކަރީ ޑްރޯން ބޭނުންކޮށްފައިވާއިރު، އެމްބަސީ އިމާރާތުގައި އަލިފާން ރޯވި ކަމަށް ސަޢޫދީ ދިފާޢީ ވުޒާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ.
ފެބުރުވަރީ 28 ވަނަ ދުވަހުން ފެށިގެން އެމެރިކާއާއި ޔަހޫދީން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް 787 މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ޝަހީދުވި މީހުންގެ ތެރޭގައި އީރާނުގެ ރޫހީ އެންމެ މަތީ ވެރިޔާ، އާޔަތުالله ޢަލީ އަލް-ޚާމަނާޢީ އާއި ހަމަނާއީގެ ޢާއިލާގެ މެންބަރުންގެ އިތުރުން، އަސްކަރިއްޔާގެ އިސް ބޭފުޅުންނާއި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އާންމުން ހިމެނެއެވެ.
އީރާނުން ބުނަމުންދަނީ އެ ޤައުމުގެ ޙަމަލާތައް އަމާޒުކުރަމުން ދަނީ ގަލްފާއި ޢަރަބި ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި އެމެރިކާގެ މަސްލަޙަތު އޮތް އިމާރާތްތަކަށް ކަމަށެވެ. ރިޔާޟުގެ އެމްބަސީއަށް ދިން ޙަމަލާގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކަލެއް ނުވި ނަމަވެސް، އެމެރިކާ ސަރުކާރުން ވަނީ އެ ޤައުމުގެ ޚާރިޖީ މުވައްޒަފުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.
ރިޔާޟުގެ އިތުރުން، އީރާނުން ވަނީ ޢުމާންގެ އަލް-ދަޤަމު ވިޔަފާރި ބަނދަރަށް ވެސް ޑްރޯން ޙަމަލާތަކެއް ދީފައެވެ. މި ޙަމަލާގައި އެ ސަރަހައްދުގައި އޮތް ތެޔޮ އުފުލާ ޓޭންކަރަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މީގެ އިތުރުން، ބަޙްރައިންގެ ޝައިޚް ޢީސާ ސަރަހައްދުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް 20 ޑްރޯނާއި ތިން މިސައިލް ބޭނުންކޮށްގެން ވަރުގަދަ ޙަމަލާތަކެއް ދީފައިވާ ކަމަށް އީރާނުގެ ރަސްމީ ނޫސް އޭޖެންސީ، އައިއާރްއެންއޭ އިން ވަނީ ރިޕޯޓްކޮށްފައެވެ.



