އަންނަ އޭޕްރިލް މަހު ބާއްވާ އިންތިހާބުގައި މޮނިޓަރުންނާއި އޮބްޒާވަރުންނަށްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިތުރު ފުރުސަތު ދީފިއެވެ.
އީސީން ބުނީ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި މޮނިޓަރުންނާއި އޮބްޒާވަރަކަށް ވުމަށް މާދަމާގެ މެންދުރު ފަހު 3:00 އާ ހަމައަށް ފޯމު ހުށަހެޅޭނެ ކަމަށެވެ.
އެ ފުރުސަތަށް އެދުމަށް އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހެވެ. އެ މުއްދަތު ދިނީ މިދިޔަ ހޮނިހިރު ދުވަހާ ހަމައަށެވެ. ނަމަވެސް، ގިނަ ބަޔަކަށް ފުރުސަތު ދިނުމަށް އިތުރު މުއްދަތެއް މިހާރު ވަނީ ދީފައެވެ.
މި އިންތިހާބުގައި މޮނިޓަރަކަށް ވުމަށް އެދޭ ފަރާތްތަކުގެ ފޯމު އީސީއަށް ހުށަހަޅާނީ، ނޫސް މަޖައްލާތަކަށާއި ޚަބަރު ފަތުރާ އިދާރާތަކަށް ކަނޑައަޅާ ޑޭޓާ ލިއޭޒަނެއް މެދުވެރިކޮށް ކޮމިޝަނުގެ މައި ޕޯޓަލް http://my.elections.gov.mv އިންނެވެ.
މިގޮތުން، ”މޮނިޓަރުންގެ މައުލޫމާތު ހުށަހެޅުމަށްޓަކައި ޑޭޓާ ލިއޭޒަންއަކަށް ވުމަށް އެދޭ ފޯމު“ ފުރިހަމަކޮށް omc@elections.gov.mv އަށް އީ-މެއިލްކުރަންވާނެކަމަށް އީސީން ބުނެފައިވެ އެވެ.
ކޮމިޝަނުން ބުނީ ރަޖިސްޓަރީ ކޮށްފައިވާ ނޫސް މަޖައްލާ އަދި ހަބަރު ފަތުރާ އިދާރާތަކަށް މޮނިޓާކުރުމަށް ފާސް ދޫކުރާނީ، އެއިން ކޮންމެ ތަނަކަށް، ވޯޓުލާ އަދި ވޯޓުގުނާ ކޮންމެ ސަރަހައްދަކަށް އެކަކަށްވުރެ އިތުރުނުވާ ގޮތަށް ކަމަށެވެ.




